ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ސީދާ ހިންގުމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް ނޯމަލައިޒޭޝަން ހާލަތެއްގައި އޮންނަތާ މިހާރު ދުވަސްތަކެއްވެފައިވާ އިރު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން، މިދިޔަ ހުކުރު ދުވަހު ވަނީ ސަސްޕެންޑް ކޮށްފައެވެ. އެކިއެކި ސަބަބުތަކާ ހުރެ، ހިންގުން ބޮއްސުންލައިގެން ގޮސް އެ އެސޯސިއޭޝަންތައް ސަސްޕެންޑް ވެފައިވާ އިރު، އެސޯސިއޭޝަންތަކަށް އެފަދަ ހާލަތެއް ކުރިމަތިވިޔަ ނުދޭން ގާނޫނުން އެހީވެދޭނެތޯ ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
"އެފްއޭއެމްކަމުގައި ވިޔަސް، ބެޑްމިންޓަން އެސޯސިއޭޝަން ވިޔަސް، އެއްވެސް އެސޯސިއޭޝަނެއްގައި ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ، ސަރުކާރުން އެންޝުއާ ކުރާނީ ގާނޫނު ތަންފީޒު ކުރުމަށް ގާނޫނުގައި އޮތްގޮތަށް ހުރިހާ ކަމެއް އެކުރަން ޖެހޭ ފަރާތްތަކުން ކުރުން އެންޝުއާ ކުރުން ސަރުކާރުގެ ޒިންމާ އަކަށްވާނީ. ދެން ޖުމްލަކޮށް، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުޅިވަރާ ބެހޭ ސިޔާސަތެއް ތަންފީޒުކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގަމުންދާނީ ދުނިޔޭގެ ޖަމިއްޔާތަކާ އެފިލިއޭޓް ވެގެން ނަމަވެސް، ގާނޫނީ ހަމަ ހިފަހައްޓަން އަލަށް އިސްލާހުވި ގާނޫނު އެހީވާނެ ކަމަށެވެ.
"އިންޓަނޭޝަނަލް ބޮޑީތައް އެހުރީ އެކުޅިވަރާ ބެހޭ ރެގިއުލޭޓަރީ ކަންކަން ކުރަން. ފީފާއިން އެފްއޭއެމާ ގުޅޭ ކަންކަން ކުރާނީ. ދެން، ހުރި އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން އެ ކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކުރާނީ. ހަމަ ޔަގީނުންވެސް ދެފުށް ފެންނަކަން އިތުރު ކުރެވި، ހިންގުން ހަރުދަނާ ކުރެވި، ގުޑް ގަވަނަންސަށް ކުޅިވަރުގެ ކަންތައްތައް ފެއްތުމަށް ގާނޫނުގެ ތެރެއިން އެބަ މަގުފަހިވެގެން ދޭ. އެކަމަށް އެބަ އެންޝުއާ ކުރެވިގެން ދޭ މިގާނޫނުގެ ތެރެއިން" ރައީސް ފާހަގަކުރެއްވިއެވެ.
މިއަދު އިސްލާހު ވެގެންދިޔަ ކުޅިވަރު ގާނޫނާއެކު ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ރީޖަނަލް އެސޯސިއޭޝަންތައް ތައާރަފުވެ، ސްކޫލާއި ކޮލެޖު ކުޅިވަރަށްވެސް އިންގިލާބީ ބަދަލެއް އަންނާނެއެވެ. އޭގެ އިތުރުން ކުޅިވަރު އާބިޓްރޭޝަނަށްވެސް މުހިއްމު ބަދަލުތަކެއް އައިސްފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު