ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު ރާއްޖޭގެ ކުޅިވަރު ލާމަރުކަޒު ކުރެވި، އަތޮޅު ތެރެއިން ހުނަރު ހޯދުމަށް ބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ކުޅިވަރު ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތައް މިއަދު ތަސްދީގު ކުރައްވާފައިވާ އިރު، ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ އިވެންޓްގައި ކުޅިވަރު ޖަމިއްޔާތަކުގެ އިސް ވެރިންނާއި އެތުލީޓުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކުޅިވަރު ގާނޫނަށް ގެނައި އިސްލާހު ތަންފީޒު ކުރައްވާފައިވާ އިރު، އެ އިސްލާހުގެ އެންމެ ބޮޑު ބަޔަކީ ރީޖަނަލް އެސޯސިއޭޝަންތައް ހެދުމެވެ. އެއީ އަތޮޅު ތެރޭގައި ކުޅިވަރަށް ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށް މިއަދު ރައީސްވެސް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތަށް، މިއަދު ތަސްދީގު ކުރެވިގެންދާ ބިލްގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ. ގާނޫނަށް ގެނެވުނު އިސްލާހަކީ، ކުޅިވަރު ކުޅޭ ބޭފުޅުން، ޖަމިއްޔާތަކުން އެދެމުން ދިޔަ އިސްލާހެއް. މައިގަނޑު ކަންކަމުގެ ތެރޭގައި މި އިސްލާހުގެ ސަބަބުން ކުޅިވަރު ލާމަރުކަޒީ އެބަކުރެވޭ. ރާއްޖޭގެ ރައްޔިތުން އެކި ކަންކޮޅުތަކުގައި، އަތޮޅު ތެރޭގައި ދިރިއުޅެމުންދާ އިރު، މައިގަނޑު ގޮތެއްގައި މިވެފައި އޮންނަ ގޮތަކީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމުގައި މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް މި ފުރުސަތު ލިބެނީ. ހުރިހާ ފަހަރަކު ނޫނަސް، މައިގަނޑުކޮށް، އެހެން އެކަން ވެފައި މި އޮންނަނީ. އެކަން ބަދަލުވެގެން މިދަނީ،" ރައީސް ޑރ. މުއިއްުޒު މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހާއެކު އަތޮޅު ތެރޭގެ ކުޅިވަރަށް ސަމާލުކަން ބޮޑުވެ، އަތޮޅު ތެރޭގައި ކުޅޭ ކުޅުންތެރިންގެ ހުނަރު ދެނެގަނެ. އެ ކުޅުންތެރިން ގައުމީ ޓީމާ ހަމައަށް ގެނެވޭނެ ނިޒާމެއް، ގާނޫނުގެ ތެރެއިން ފަހިކޮށްދެވޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަމަށް އެހީތެރިވެދޭނީ ސަރަހައްދީ ކުޅިވަރު އިދާރާތައް، އެސޯސިއޭޝަންތަކުގެ ސަރަހައްދީ އިދާރާތައް ކަމަށާއި، އެ ސަރަހައްދީ އެސޯސިއޭޝަންތަކުން މުޅި ރާއްޖެ ކުޅިވަރުގައި ޝާމިލް ކުރެވޭނެ ކަމަށެވެ. އަދި ރަނގަޅު ވާދަވެރިކަމެއް ސަރަހައްދީ ލެވެލްގައި އުފެދިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކުޅިވަރު ގާނޫނަށް ގެނައި އެންމެ ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ރީޖަނަލް އެސޯސިއޭޝަންތަކުގެ އިތުރުން ކުޅިވަރު ފަންޑްވެސް ފާހަގަކޮށްލެވިފައިވާ އިރު، ރައީސް ފާހަގަކުރެއްވީ އެ ފަންޑަކީވެސް ކުޅިވަރު ލާމަރުކަޒު ކުރުމަށް މުހިއްމު ފަންޑަކަށް ވާނެ ކަމަށެވެ.
ބިލް ތަސްދީގު ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ ޕެރަލިމްޕިކް ކޮމިޓީއަށް ގާނޫނީ ބާރުވެރިކަން އިތުރުވެގެން ދިޔުމާއެކު، އަތޮޅު ތެރެއަށް ޕެރަލިމްޕިކްސް ހަރަކާތްތައްވެސް ފުޅާ ކުރެވިގެންދާނެ ކަމަށާއި، ޖިންސީ ތަފާތުކުރުން ނައްތާލުންވެސް މިހާރު ގާނޫނުގެ ތެރެއިން ކަށަވަރުކުރެވޭ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު