ބޯކޮށް ވާރޭ ވެހި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމުމާ ބެހޭ ގައުމީ އިދާރާ (މެޓްއޮފީސް) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުގެ މީޓްރޮލޮޖިސްޓް ހުސެއިން ވަހީދު މިއަދު "ވަން" އަށް ވިދާޅުވީ މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"މިއަދު ބޯކޮށް ވާރޭ ވެހޭނެ، މާލެެ އާއި އުތުރުގެ ބަޔަކަށް މިހާރުވެސް އެބައިން އެލާޓު. ކުރިޔަށް އޮތް ގަޑިތަކުގައި މާލެ އާއި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ. ފެންބޮޑުވުމުގެ ފުރުސަތު އެބައޮތް މެދުރާއްޖެތެރެއާއި އިތުރުގެ ބައެއް ރަށްތަކުގައި. ފެންބޮޑުވެދާނެތީ ކައުންސިލުތަކުން އެކަމަށް ދުރާލާ ތައްޔާރުވާން ޖެހޭނެ. 24 ގަޑި އިރު ބޯކޮށް ވާރޭ ވެހޭނެ. މިއަދާއި މިރޭގެ ވަގުތުތަކުގައި ފެންބޮޑުވުން އެކަށީގެންވޭ،" ހުސެއިން ވިދާޅުވިއެވެ.

ކަނޑުތައް މިހާރުވެސް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދޭތެރޭ. އާންމުކޮށް ވައިގެ ބާރުމިން 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެންމެ ދެކުނު ފިޔަވާ އެހެން ހުރިހާ ހިސާބެއްގައިވެސް. އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީގައި 10 މޭލާއި 20 މޭލާ. އެހެން ހުރިހާ ހިސާބެއްގައި 10 މޭލާއި 23 މޭލަށް އަދި ވިލާގަނޑުގައި 40 މޭލަށް ގަދަވެގެންދާނެ." ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބުދަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.