އެސްޓީއޯ އިން ހުޅުމާލޭގައި ހެދި ސްމާޓް ސްޓޯރު ފާމަސީއަކަށް ބަދަލުކޮށް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުން ކޮށްގެން އޮޕަރޭޓްކުރާ ގޮތަށް އެސްޓީއޯ އިން ހުޅުމާލެ ފޭސް 1 ގައި ސްމާޓް ސްޓޯރެއް ހުޅުވީ 27 ޖުލައި 2023ގަ އެވެ. އެއީ ރާއްޖޭގައި ހުޅުވި އެފަދަ ފުރަތަމަ އަދި ދެކުނު އޭޝިއާގައިވެސް ހެދި އެފަދަ އެންމެ ބޮޑު ފިހާރަ އެވެ.

ބާސެލޯ ނަސަންދުރާ ހޮޓަލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެސްޓީއޯ ސްމާޓު ސްޓޯރު ފާމަސީއަކަށް ބަދަލުކޮށް، ކުރިއަށް އޮތް ހަފްތާ ނުވަތަ ޖެހިގެން އަންނަ ހަފްތާ ތެރޭ ހުޅުވާނެ ކަމަށެވެ.

އެތަން ފާމަސީއަކަށް ބަދަލުކުރަން ނިންމީ ހުޅުމާލެ ހޮސްޕިޓަލަށް ދާ މީހުންނަށް ހިދުމަތް ދޭނެ ރަނގަޅު ފެންވަރުގެ ފާމަސީއެއް ނެތުމުގެ ޝަކުވާ ލިބޭތީ ކަމަށްވެސް ޝިމާދު ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލާ ޖެހިގެންވެސް އެސްޓީއޯގެ ފާމަސީއެއް ހުރެ އެވެ. ސްމާޓް ސްޓޯރު ފާމަސީއަކަށް ބަދަލުކުރި ނަމަވެސް އެ ފާމަސީންވެސް ހިދުމަތް ދޭނެ އެވެ.

ޝިމާދު ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައިވެސް އެސްޓީއޯގެ ފާމަސީއެއް ހެދުމުގެ ޕްލޭން އެބަ އޮތް ކަމަށެވެ.