ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތަކުގެ ރަޖިސްޓްރީ މިމަހު ދޭން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދޭގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް އެކަން މިނިސްޓްރީން އިއުލާން ކުރީ މިއަދުއެވެ.
މިނިސްޓަރު މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ހޯދައިދިނުން ކަމަށާއި ގޯތިތަކުގެ ރެޖިސްޓްރީ ހެދުމަށް ދަތިވެފައިވަނީ ކުރިން ރަޖިސްޓްރީ ދީފައިވާ މީހުންނަށް ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނަގާފައިވާތީ ކަމަށެވެ.
ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދާފައިވާނީ ކޮމާޝަން ބޭނުންތަކަށްވެސް ޖާގަ އޮންނާނެ ގޮތަށް ކަމަށެވެ.
"މި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާ މެދު ވަނީ މަޝްވަރާކުރެވިފައެވެ. މާތްﷲ ގެ އިރާދަފުޅާއެކު މި މަސް ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައި ދޭން ފެށޭނެއެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފައެވެ. ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައިފައެވެ.
ގުޅިފަޅު
ގުޅިފަޅު
ގުޅިފަޅު