ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ބައިނަލްއަގުވަމީ ބޯޓުފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތުން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލްއާ ގުޅިގެން އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފެށީ އިހަވަންދިއްޕޮޅުގަ އެވެ. އެ ހިދުމަތަށް އެސްޓީއޯ އިން ބޭނުންކުރަނީ ދެ ބޯޓެކެވެ.

ނަސަންދުރާ ހޮޓަލުގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތްތައް ދަށް ނަމަވެސް މާލެ ސަރަހައްދުގައި އެ ހިދުމަތް ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް އައި ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ލައިނާގެ ކްރޫސްލައިނާއަކަށް އެ ކުންފުނިން ހިދުމަތް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"މީގެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިން ލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށްދާކަން. ބަންކަރިންގައި އަދިވެސް އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ކައިރި ހުރި ގައުމުތަކާ، ހާއްސަކޮށް ކޮލަމްބޯ ފަދަ ގައުމުތަކާ ކޮމްޕީޓް ކުރާނަމަ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް މަސައްކަތް ކުރަމުން" ޝިމާދު ވިދާޅުވި އެވެ.