ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ސަރަހައްދުންވެސް ގޯތިތައް ދޫކުރިއެވެ. އެއިރު، ނުހިއްކާ އޮތް ސަރަހައްދުން ގޯތި ދޫކުރުމުން ފާޑުކިޔުންވެސް އަމާޒުވިއެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކައި، 3،520 ގޯތި ދޫކުރަން ނިންމާފައިވެއެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން---

ގުޅިފަޅު އާ ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލު ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ އިރު، އެ ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަނީ ވަކިން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސްވެސް ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއްވެސް ހިމެނެއެވެ.

އެ ޕްލޭންގައި ސްކޫލުތަކާއި މިސްކިތްތަކާއި ޓޫރިޒަމާއި އެކި ކަހަލަގެ ވިޔަފާރިއަށް ހާއްސަ ސަރަހައްދުތައްވެސް ވަނީ ފާހަގަކޮށްފައެވެ.