ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ފުރުސަތު ހުޅުވާލާފައިވަނީ، ރައްޔިތުންގެ މަޖިލީހުން މިމަހުގެ 14 ވަނަ ދުވަހު ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމާ ގުޅިގެން އެ ދެ މަގާމު ހުސްވުމާ ގުޅިގެންނެވެ.

ދެ ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް، ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުޅުވައިލާ ކަމަށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އެދޭ ސިޓީއާއެކު އެ ފަރާތެއްގެ ވަނަވަރު، ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ވަނަވަރުގައި ގާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ ނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިން ޑޮކިއުމަންޓް، ޝަރުއީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ އެއް ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އެޕްލިކޭޝަން ހުށަހަޅާނީ މިމަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އޭގެ އިތުރުން ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މަޖިލީހުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފައިވަނީ ޖޭއެސްސީން އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު، ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވުމުންނެވެ. ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަން ފެށީ އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރުމުން އޭނާ ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.

ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޖޭއެސްސީއަށް އެންގުމުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފައެވެ. އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން ދެން ސަސްޕެންޑުކޮށްފައިވަނީ ހުސްނުއްސުއޫދެވެ.

އޭގެ ފަހުން ސުއޫދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވަނިކޮށް، މިދިޔަ މާޗް މަހުގެ ހަތަރުވަނަ ދުވަހު އޭނާ ވަނީ އިސްތިއުފާދެއްވައިފައެވެ. އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދެވެ.