ގައުމީ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް އަހަރަކަށްވުރެ އަހަރަށް ދަނީ ފޯރިގަދަކޮށް ކަމަށާއި، މުބާރާތުން ކުރިއެރުން ފެންނަމުންދާ ކަމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަަދު އަބްދުއްސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ގައުމީ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް މިއަދު ވަނީ ކުޑަ ގިރީގައި ފަށައިފައެވެ. މިއީ ގައުމީ ދިގު ފެތުން ނޫނީ އޯޕަން ވޯޓާ ފެތުމުގެ 16 ވަނަ މުބާރާތެކެވެ. މިފަހަރު މުބާރާތުގައި އެކި ކެޓަގަރީތަކުން ޖުމުލަ 281 ފެތުންތެރިން ވާދަކުރާނެއެވެ.

މިއަދުގެ އިވެންޓް ކުރިން ވާހަކަ ދައްކަވަމުން ރައީސް ސައްތާރު ވިދާޅުވީ، މުބާރާތް އެއް އަހަރުން އަނެއް އަހަރަށް ފޯރިގަދަވަމުންދާ ކަމަށެވެ.

"ފޯރިގަަދަކޮށް މިދަނީ، މިދިޔަ އަހަރު ބައިވެރިވީ 242. އެހެންވިޔަސް މިފަހަރު 281 އަކަށް އެ އަދަދު އިތުރުވެސް ވެއްޖެ. ދެން އަނެއްކާ މިިދޔަ އަހަރު 200 ކުދިން ފެތީ، މިފަހަރު ދެން 280 ބައިވެރިވީމަ ހަމަގައިމުވެސް އެއަށްވުރެ ގިނައިން ފަތާނެ ކަމަށް ލަފާކުރެވޭ. އެހެންވީމަ، މީގެން މިފެންނަނީ ކުރިން ފަހަރަށްވުރެ މިފަހަރު ފޯރިގަދަކަން،" ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ މިފަހަރު މުބާރާތުގެ އިންތިޒާމުތައްވެސް ރަނގަޅު ކުރެވުނު ކަމަށާއި، މުބާރާތް ފުރިހަމަ ކުރެވެނީ ކުޑަގިރީގެ ވަރަށް ބޮޑު އެއްބާރުލުމަކާވެސް އެކުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އޮގަަނައިޒިންވެސް ކުރިން ފަހަރަށްވުރެ ރަނގަޅުވާނެ މިފަހަރު. ވަރަށް ފަސޭހަތަކެއް އެބަހުރި، އެގޮތުން ކުޑަގިރީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން މިކަން މިކުރަނީ. ކުޑަގިރީގެ އިތުރުންވެސް ހަމަ ޕޮލިސް، އެމްއެންޑީއެފްގެ އެދެބައި މީހުންގެ އެހީތެރިކަން އަބަދުވެސް ލިބޭ. ހަމައެއާއެކު، ފަސްޓް އެއިޑް ކަންތައްތަކުގައި، ރެޑް ކްރެސެެންޓް އެހީތެރިވެދޭ. އެމްއެންޑީއެފްގެ ޑޮކްޓަރެންނާއި ކުޑަގިރީގައިވެސް ޑޮކްޓަރެއް އެބަހުރި. އެހެންވީމަ އިރާދަކުރެއްވިއްޔާ ސަލާމަތީ ގޮތުން ބެލިޔަސް މިފަހަރު މިއޮތީ ކުރިއަށް ވުރެ ރަނގަޅަށް. ހުރިހާ ގޮތަކުން ވެސް ކުރިން ފަހަރަށް ވުރެ ފަސޭހަތަކެއް އެބަހުރި،" ސައްތާރު ފާހަގަކުރިއެވެ.