ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އައްޔަންކޮށްފިއެވެ.
ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ޝިޔާމާއި ގައްސާން އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައެވެ. ޝިޔާމާއި ގައްސާނަކީ ޕީޕީއެމް އުވާލި އިރު، އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ.
މިރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި ޝިޔާމާއި ގައްސާން ޕީއެންސީއަށް ސޮއިކުރުމުން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދެ ބޭފުޅުން އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅުއްވައިފައެވެ. ރައީސްގެ އެ ހުށަހެޅުއްވުން ވަނީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްވެފައެވެ.
ޕީޕީއެމް އުވާލި އިރު، އެ ޕާޓީގެ ސެނެޓުގައި ހިމެނޭ ގިނަ މެންބަރުންތަކެއް ވެސް ވަނީ ޕީއެންސީއާ ގުޅުމަށް ފޯމު ހުށަހަޅައިފައެވެ. އެ މެންބަރުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެ ފޯމުތަކާ ޕީއެންސީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރައީސް މުއިއްޒެވެ.
ޝިޔާމާއި ގައްސާނާއެކު މިހާރު ޕީއެންސީގައި ޖުމުލަ އަށް ނައިބު ރައީސުން ތިއްބަވައެވެ. ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ދެން ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ސުޖާއު، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލެވެ.
ޕީއެންސީގެ ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ޗެއާޕާސަނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް