ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފުވެފައިވާތީ އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއި އެ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އަސްކޮއި ކުންފުނިން ހިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނި 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ، ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ރޯދަ މަހުގެ އުމްރާ ދަތުރަށް އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ ނުވަ މީހުންގެ ރިފަންޑް އަނބުރާ ދިނުމަށް އަންގާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އުމްރާގެ އަޅުކަމަށް ދިއުމަށް ދައްކާ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވެއެވެ.