ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ބާރު ވެސް ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވި ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަ ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމުގެ އިތުރުން ދައުލަތުގެ އެހެނިހެން މަގާމުތަކަށް ވެސް ރައްޔިތުން އިންތިހާބުކުރާ ބޭފުޅުން ވަކިކުރުމުގެ ބާރު ވެސް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
މިހާރު އޮންނަ ގޮތުން އިންތިހާބެއް ވުމަށްފަހު، ގޯސްކޮށް ކަމެއް ކުރުމުން ވެސް ދެން އެ ބޭފުޅެއްގެ ގައިގައި ރައްޔިތުންނަށް އަތްލެވޭނެ ގޮތެއް ނޯންނަ ކަމަށާއި ކައުންސިލަރެއް ކަމަށްވިޔަސް، މަޖިލިސް މެންބަރެއް ކަމަށްވިޔަސް އަދި އެއްވެސް މަގާމަކަށް ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ބޭފުޅަކު ވަކިކުރުމުގެ ބާރު ލިބޭގޮތަށް މިހާތަނަށް ހެދިފައި ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ގާނޫނަށް އިސްލާހު ހުށަހަޅުއްވަނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ބޭފުޅަކު ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭގޮތަށް ހެދުމަށް ކަމަށެވެ.
"މާނައަކީ މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ނުވަތަ ކައުންސިލު މެންބަރަކު ވަކިކުރަން ރައްޔިތުން ބޭނުންވީ. އަދި އެ ނޫން މަގާމަކަށް އިންތިހާބުކޮށްފައި ހުންނަ މީހެއް ކަމަށްވިޔަސް، ވަކިކުރަން ބޭނުންވަންޏާ، އެއީ އަޅުގަނޑު ވެސް ހިމެނޭގޮތަށް، އިންތިހާބީ މަގާމަކުން ވަކިކުރަން ބޭނުންވަންޏާ އެ އިންތިހާބުކުރުމަށްޓަކައި ވޯޓުލާން ހައްގު އޮތް މީހުން، އެ މީހަކު ހޮވުމުގެ ހައްގު އޮތް މީހުން، އެ މީހުންނަށް ފުރުސަތު ލިބެއޭ އެބަ ވޯޓުލުމުގެ ހައްގު އޮންނަ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވަންޏާ، އޭނާގެ މަގާމުން އޭނާ ދުރުކުރުމުގެ، އެ ފުރުސަތު އެބަ ލިބެންޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް އެ ފުރުސަތު ނުދެވޭ ނަމަ، ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ނުކުރެވޭނެ ކަމަށާއި އެހެން ނޫން ނަމަ، އިންތިހާބީ މަގާމެއްގައި އެ މީހަކު ބޭނުންހާ ގޮތަކަށް ފަސް އަހަރު ދެމިހުރެވޭނެ ކަމަށެވެ. އެއީ އިންސާފުވެރި ގޮތް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު