ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށަން ނިންމައިފި އެވެ.

މިއީ 2013 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓްސް ޔުނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތެވެ. މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލް ހުނަރު ތަރައްގީކޮށް ކުޅުންތެރިން ބިނާކުރުމަށް އެހީތެރިވެދިނުމެވެ.

ދިރާގުން މިއަދު ބުނީ، އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމުލަ 27 ޓީމުން ބައިވެރިވެ، 500 އަށް ވުރެ ގިނަ ކުޅުންތެރިން ފެނިގެންދާނެ ކަމަށެވެ.

މިރެއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޕީއެސް5 އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މީގެ އިތުރުން މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހަކު ދަރިވަރުންނަށް ހާއްސަ އޮފާތަކެއް ދިނުމަށްވެސް ދިރާގުން ވަނީ ނިންމައިފައެވެ.

ދިރާގަކީ ރާއްޖޭގައި ފުޓްސަލް ފަދަ މަގުބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.