އއ. މަތިވެރީގައި އެއާޕޯޓު ހަދައިދޭނެ ބަޔަކު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މަތިވެރީގައި އެއާޕޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކްސްޕެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) އަންނަ ޖޫން މަހުގެ ނިޔަލަށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

އެ ރަށު ފަޅުގައި އެއާޕޯޓު ހަދަނީ "ކްރޮސް ސަބްސިޑީ" އުސޫލުންނެވެ.

ފަޅުހިއްކައިގެން މަތިވެރީގައި އެއާޕޯޓެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިދިޔަ އަހަރު ރައީސް ޑރ. މުއިއްޒު މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ އއ. އަތޮޅުގައި އެއާޕޯޓެއް އޮތުމަކީ އިގްތިސާދީ ގޮތުން ބަލާއިރު ދެކޮޅު ޖެހޭ ކަމެއް ކަމަށެވެ.

މަތިވެރިއަކީ މާލެއިން ފުރައިގެން ދޮޅުގަނޑިއިރެއްހާއިރުން ދެވޭހާ ދުރުމިނުގައި އޮތް ރަށެކެވެ. އެ ރަށަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިވެސް ކުރަމުން އަންނަ ރަށެކެވެ.