ލިވަޕޫލްގެ އުރުގުއާއީ ފޯވަޑް ޑާވިން ނުނިއޭޒް، ގައުމީ ޓީމުގެ ފަސް މެޗަށް ސަސްޕެންޑް ކުރަން ދެކުނު އެމެރިކާ ފުޓުބޯޅައިގެ މައި އިދާރާ، ކޮންމެބޯލް އިން ނިންމި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ދަމަހައްޓައިފިއެވެ.
ކޮންމެބޯލް އިން ނުނިއޭޒަށް ފިޔަވަޅު އަޅާފައިވަނީ ނިމިދިޔަ ކޮޕާ އެމެރިކާގެ އުރުގުއާއީއާއި ކޮލަމްބިއާ ވާދަކުރި މެޗުގެ ތެރެއިން ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. އެ ދެ ގައުމުން ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން ކޮލަމްބިއާގެ ސަޕޯޓަރުން އުރުގުއާއީ ކުޅުންތެރިން އާއިލާތައް ތިބި ސަރަހައްދަށް ގޮސް، ކުޅުންތެރިންގެ އާއިލާތަކަށް ހަމަލާ ދޭން އުޅުމުން، އުރުގުއާއީގެ ކުޅުންތެރިންވެސް ވަނީ އެކަން ހުއްޓުވަން ގޮނޑި ބަރިއަށް މައްޗަށް އަރައިފައެވެ.
އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އުރުގުއާއީގެ ނުނިއޭޒެވެ. އޭނާ މައްޗަށް އަރައި ދަރިފުޅު ގޮވައިގެން ފައިބާ ދަނޑުމަތީގައި ހުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ. އަދި ނުނިއޭޒް ވަނީ ބައެއް ކޮލަމްބިއާ ސަޕޯޓަރުންނަށް ނުރުހުން ފާޅުކޮށް، ކޮންމެވެސް ވަރަކަށް ހަމަލާވެސް ދީފައެވެ.
ނުނިއޭޒްގެ އެ އަމަލުތަކުގެ ސަބަބުން ކޮންމެބޯލް އިން ވަނީ އޭނާ 15،145 ޕައުންޑުން ޖޫރިމަނާވެސް ކޮށްފައެވެ.
ނުނިއޭޒްގެ ފަރާތުން ކާސްއަށް މައްސަލަ ހުށަހެޅީ ދެ މެޗު ނުކުޅެ ހުރުމަށްފަހު، މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ. އެ ހިސާބުން ސަސްޕެންޝަން ވަގުތީ ގޮތުން އުވާލި ނަމަވެސް ކާސް އިން ނިންމީ ނުނިއޭޒް ސަސްޕެންޝަންގައި ބާކީ އޮތް ތިން މެޗު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
ނުނިއޭޒް ސަސްޕެންޑް ކުރުމުގެ އިތުރުން އެ މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ޓޮޓެންހަމްގެ އުރުގުއާއީ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރް ވަނީ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައެވެ. އަދި އުރުގުއާއީގެ ނަޕޯލީ ޑިފެންޑަރު މަތިއަސް އޮލިވޭރާއާއި ބާސެލޯނާ ޑިފެންޑަރު ރޮނާލްޑް އަރައޫހޯ އަދި އެތުލެޓިކޯ މެޑްރިޑް ޑިފެންޑަރު ޖޯސޭ މާރިއާ ހިމެނޭޒް ވަނީ ތިން މެޗަށް ސަސްޕެންޑް ކޮށްފައެވެ.
އެ ހުރިހާ ކުޅުންތެރިންގެ މައްސަލަވެސް އުރުގުއާއީން އިސްތިއުނާފް ކުރި ނަމަވެސް ކާސް އިން ނިންމީ ކޮންމެބޯލްގެ ނިންމުން ދަމަހައްޓާށެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ