ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ކަމަށްވާ މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) މައްޗަށް ގައިބަށް ކުރާ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އެކްސް ކުރި ޕޯސްޓެއްގައި ބުނީ، ސަންލޭންޑް ނަޒީރުގެ މައްޗަށް ގައިބުގައި ކުރާ ކަށު ނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސަންލޭންޑު ނަޒީރު ނިޔާވީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. ވަން އަށް އެނގިފައިވާ ގޮތުގައި ނަޒީރު ނިޔާވީ، އިނގިރޭސި ވިލާތުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށެވެ.

ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރެވެ. އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.

ސަންލޭންޑުގެ ދަށުން ކޮކޯ ޕާމް ބޮޑު ހިތި، ކޮކޯ ޕާމް ކުޑަ ހިތި އަދި ކޮކޯ ޕާމް ދުނި ކޮޅު، މަކުނޑު އައިލެންޑު ރިސޯޓުގެ އިތުރުން ބިޔާދޫ ރިސޯޓު ހިންގައެވެ.