މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" އަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފެސިލިޓީއަށް ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

"އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތް ލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ބުޅާ ފެސިލިޓީ މިނިސްޓްރީގެ ދަށަށް ގެންދިޔައީ އެތަން އަޅަން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތް ތާރީހު ހަމަވެގެންދިޔަ އިރުވެސް އެތަނުގެ މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށެވެ. އަދި އެތަން ހުޅުވި އިރުވެސް ހުރީ ބުޅާތައް ގެންގޮސް ބެލެހެއްޓޭނެ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން އޮޅުހިޔާއާ ހަވާލުވި އިރު، އެ ތަން އޮތީ ރައްކާތެރިކަމާއެކު ބުޅާ ގެންގުޅެވޭނެ ހާލަތެއްގައި ނޫން ކަމަށާއި އެހެންކަމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްތައް މިނިސްޓްރީން މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ.

އަދި މާލޭގެ މަގުތަކުގައި އުޅުނު 30 ބުޅާ މިހާރު އޮޅުހިޔާ ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށާއި ފެސިލިޓީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވި، އިތުރު ބުޅާތައް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.