ލ. ކަލައިދޫ އާއި ދަނބިދޫ ގުޅައިލުމުގެ ކޯޒްވޭ މަޝްރޫއުގެ ދަށުން ބުރިޖު ފައުންޑޭޝަންގެ މަސައްކަތަށް ބޭނުންވާ ސްޕަން ޕައިލްސްގެ ފުރަތަމަ ޝިޕްމަންޓް އެ ސަރަހައްދަށް ފޯރުކޮށްދީފިއެވެ.

ސްޕަން ޕައިލްސް އަކީ ޕްރީކާސްޓް އަދި ޕްރީސްޓްރެސިން ޓެކްނިކްސް ބޭނުންކޮށްގެން އުފައްދާފައިވާ ހޮޅި ސާކިއުލާ ޕައިލްތަކެކެވެ. އާންމުގޮތެއްގައި އެތަކެތި ބޭނުންކުރަނީ ސްޓްރަކްޗަރަލް ލޯޑްތައް ބިންމައްޗަށް ބަދަލުކުރުމަށް ފައުންޑޭޝަންގެ ގޮތުގައި ބޭނުންކުރުމަށެވެ.

އެ މަޝްރޫއުގެ މަސައްކަތު ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ ލ. އަތޮޅުގެ ކަނެކްޓިވިޓީ 105 މީޓަރުގެ ތިން ބުރިޖާއި 683 މީޓަރުގެ ކޯޒްވޭއެއް ހަދައި، ލ. ދަނބިދޫ އާއި ލ. ކަލައިދޫ ގުޅައިލުމަށް ގާތްގަނޑަކަށް އެއް ކިލޯމީޓަރުގެ ކޯޒްވޭއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

14 މެއި 2025: ލ. ކަލައިދޫ - ދަނބިދޫ ކޯޒްވޭ މަޝްރޫއު --- ފޮޓޯ. އެމްޓީސީސީ

ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅައިލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންދިޔައީ 13 ސެޕްޓެމްބަރު 2023 ގައެވެ.

އެ މަޝްރޫއުގެ ދަށުން 42,624 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 752 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުމާއި، 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިން ފާރެއް ހެދުމާއި، 7,266 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީީސީން ބުނެއެވެ.

ކަލައިދޫ އާއި އިސްދޫ އަދި ދަނބިދޫއަކީ ވެސް ބިމުގެ ޖާގައިގެ ގޮތުން ތަނަވަސް ތިން ރަށަށްވާ އިރު، އިސްދޫ އަދި ކަލައިދޫ އަކީ އެއް ފަސްގަނޑެއްގައި އޮންނަ ދެ ރަށެވެ. އަދި ދަނބިދޫ އަކީ ވަކިން އޮންނަ ރަށަކަށްވީ އިރު، ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު ނިމުމުން އެ ތިން ރަށް އެކީގައި ގުޅިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ ކޯޒްވޭ މަޝްރޫއުގެ އަގަކީ 144.38 މިލިއަން ރުފިޔާއެވެ.