ޕާކިސްތާނުގެ ކްރިކެޓް ލީޑު، ޕާކިސްތާން ސުޕަ ލީގުގެ އިތުރުން އިންޑިއާގެ މަޝްހޫރު ކްރިކެޓް ފްރެންޗައިސް ލީގު، އައިޕީއެލް މެދުކެނޑުމަކަށްފަހު އަންނަ ހޮނިހިރުގައި އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

އިންޑިއާއާއި ޕާކިސްތާނު ގުޅޭ ކަޝްމީރު ސަރަހައްދުގެ މަޝްރަހު ގޯސްވެފައިވާ އިރު، ދެ ގައުމުން ހަމަލާތައް ބަދަލަކުރަން ފެށުމާއެކު އިންޑިއާގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އާއި ޕާކިސްތާނުގެ ކްރިކެޓް ލީގުވެސް ވަނީ މެދުކަނޑާލައިފައެވެ.

ޕާކިސްތާނުގެ ސުޕަ ލީގު، ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައި، މެޗުތައް ޔޫއޭއީއަށް ބަދަލުކުރަންވެސް މަސައްކަތް ކޮށްފައިވެއެވެ.

އެ މަސައްކަތުގައި ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން، މުހުސިން ނަގްވީ ވަނީ އެ ގައުމުގެ ޕްރައިމް މިނިސްޓަރު ޝެހްޒާބް ޝަރީފާ ބައްދަލުކުރައްވައިފައެވެ.

ހަބަރުތައް ބުނާ ގޮތުން އެ ބައްދަލުވުމުގައި، ލީގު މި ވަގުތަށް މުހިންމު ނޫން ކަމަށް ޕްރައިމް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ލީގު ޔޫއޭއީގައި ކުރިއަށް ނުގެންދަން ނިންމީ ޕްރައިމް މިނިސްޓަރުގެ އެންގެވުމަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޕާކިސްތާނުގެ ލީގުގައި އަދި ބާކީ 8 މެޗު އޮތް އިރު، ފައިނަލް ކުޅެން އޮތީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެއީ ކުރިން ފައިނަލް ކުރި ތާރީހަށްވުރެ އެއް ދުވަސް ފަހުންނެވެ. މިހާރު އިދާރާތަކުން ނިންމާފައި ވަނީ ލީގުގެ ބާކީ ބައި، ރަވަލްޕިންޑީ އާއި ލާހޯރުގައި ކުޅުމަށެވެ.

އިންޑިއާ ލީގު މެދުކަނޑާލިއިރު ބާކީ އޮތީ 16 މެޗެކެވެ. އެ 16 މެޗަށްވެސް އައިޕީއެލްއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ދެން މެޗުތައް ކުޅޭނީ ހަ ސްޓޭޑިއަމެއްގައެވެ. އެއީ ބެންގަލޫރު، ޖެއިޕޫރްގެ އިތުރުން ދިއްލީއާއި ލަކްނޫ، އަހުމަދުއާބާދު އަދި މުމްބާއީގަ އެވެ.

އިންޑިއާ ލީގުގައި މަޝްހޫރު ގިނަ ކުޅުންތެރީންތަކެއް ކުޅެމުން އަންނައިރު، ލީގު މެދުކަނޑައިލުމާއެކު އެނބުރި ގައުމަށް ދިޔައީ އިންގްލެންޑް އަދި އޮސްޓްރޭލިއާ ކުޅުންތެރީން އެކަންޏެވެ.

އިންގްލެންޑުން ޒިންބާބުވޭއާ ދެކޮޅަށް ވަން-އޮފް ޓެސްޓް ސީރީސްއެއް ކުޅެން ތައްޔާރުވަމުން އަންނައިރު، އައިޕީއެލްގައި އެ ގައުމުގެ 10 ކުޅުންތެރިޔަކު ކުޅެމުން ދެއެވެ.