އިންޑިޔާ އާއި ޕާކިސްތާނުގެ ސިފައިންގެ މެދުގައި ތިން ހަތަރު ދުވަސްވަންދެން ހޫނު ހަމަލާތަކެއް ބަދަލުކުރެވި މީގެކުރީގައި ދުވަހަކު ވެސް ކުރިމަތިލުންތައް ފުޅާވެގެން ގޮސްފައިނުވާ މިންވަރަށް ފުޅާވެގެން ދިއުމަށްފަހު އެންމެފަހުން ހަގުރާމައަށް ވަގުތީ ނިމުމެއް އެއޮތީ އައިސްފައެވެ. ހަމަލާތަކަށް ނިމުމެއް ގެނެސްފިކަން އިންޑިޔާއިންވެސް އިއުލާންކޮށްފިއެވެ. އެކަމަކު އާދައިގެ ހާލަތުގައެއް ނޫނެވެ. ވަރަށްވެސް ބޮޑެތި ގެއްލުންތަކެއް ތަޖުރިބާ ކުރުމަށްފަހުގައެވެ. ވަރަށްވެސް ހިތި އަގެއް އަދާކުރުމަށްފަހުގައެވެ. އިންޑިޔާގެ އެއާފޯހަށް ބޮޑެތި ގިނަގުނަ ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިދެންނެވި ގެއްލުންތަކުގެ ތެރޭގައި ވައިގެ ލަޝްކަރުގައި ހިމެނޭ ރަފޭލް ޖޭޓުތަކުގެ ތެރެއިން ތިން ޖެޓެއް ވައްޓައިލުން ހިމެނެއެވެ. ރަފޭލް ޖެޓަކީ މިޒަމާނުގެ ވައިގެ ހަގުރާމައިގައި އިންޑިޔާގެ ތާޖުގައިވާ އެންމެ ބޮޑު ޖަވާހިރެވެ.
މިއީ ދުޝްމަނުންގެ ވައިގެ ސަރަހައްދުގެ އެންމެ އެތެރެއަށްވެސް ވަދެ ބޭނުންވާ ކޮންމެ އަމާޒަކަށް ޔަގީންކަމާއި އިތުބާރާއެކު ހަމަލަދިނުމުގެ ގާބިލްކަން ލިބިގެންވާ ޖެޓެކެވެ. އެކަމަކު މިފަހަރު ކަންކަން ދިޔައީ އިންޑިޔާ އުންމީދުކުރި ގޮތަކަށް ނޫނެވެ. ރަފޭލް ޖެޓުތައް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމުގެވެސް ކުރިން އެތަކެތި ހޯދައި ހަމަލަދީ ވައިގެތެރޭގައި ވަނީ ފުނޑުފުނޑުކޮށްލައިފައެވެ. އޭގެކުރިން އޭގެ މުވާސަލާތީ އަދި ހަތިޔާރުގެ އިލެކްޓޯނިކް ނިޒާމުގެ ބާރުވެސް ވަނީ ކަނޑުވައިލައިފައެވެ. އިންޑިޔާއަށް ގެއްލުނީ ހަމައެކަނި ރަފޭލް މަރުކާގެ ޖެޓުތަކެއް ނޫނެވެ. ހަގުރާމައިގެ މައިދާނުގައި އިންޑިޔާގެ ވައިގެ އޮޕަރޭޝަންތަކުގެ އެންމެކުރީ ސަފަށްނެރޭ އެސްޔޫ ތާޓީ އެމްކޭއައި ޖެޓެއްވެސް ވަނީ ވައްޓާލައިފައެވެ. ބިމުން ވަޔަށް ފޮނުވާ މިސައިލް ބޭނުންކޮށްގެންނެވެ. އިންޑިޔާގެ ވައިގެ ސިފައިންގެ އުތުރު ކޮމާންޑުގައި އެންމެ އާއްމުކޮށް ބޭނުންކުރާ މިގް ނަވާވީސް މަރުކާގެ ޖެޓެއްވެސް ވަނީ ވައްޓާލައިފައެވެ. ވަރަށް ތިރިން ޕާކިސްތާނުގެ ޖެޓުތަކާއެކު ހިންގުނު ކުރިމަތިލުމެއްގައެވެ. އެވަރަކުން އަދި ނުނިމެއެވެ. އިންޑިޔާގެ ފްލީޓުގައި ބޭނުންކުރާ މިރާޖް މަރުކާގެ ޖެޓެއްވެސް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަންނަން އުޅުމުގެ ތެރޭގައި ވަނީ ވައްޓާލައިފައެވެ.
ކޮންމެއަކަސް އިންޑިޔާގެ ހަ ޖެޓެއް އެއޮތީ ވައްޓާލައިފައެވެ. މީގެ އިތުރަށް ޕައިލެޓަކާ ނުލައި އުދުހޭޒާތުގެ ހަގުރާމަމަތީ އުޅަދުތަކެއްވެސް ވަނީ ވައިގެތެރޭގައި ނައްތާލައިފައެވެ. އިޒްރޭލުގައި އުފައްދާ އެންމެ މިޒަމާނުގެ ހަގުރާމަމަތީ ޑްރޯންވެސް ހިމެނޭގޮތުންނެވެ. އިންޑިޔާއަށް ލިބުނު ގެއްލުންތަކަކީ ޖައްވުގެ ތެރޭގައި މިދެންނެވި މަގުން ހަލާކުވެގެންދިޔަ ޖެޓުތަކާއި ޑްރޯންތައް އެކަންޏެއް ނޫނެވެ. ބަދަލުހިފުމުގެ ގޮތުން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި އިންޑިޔާގެ ހުޅަގުބިތުގައިވާ ވައިގެ މަރުކަޒުތަކެއްވެސް ވަނީ ހަލާކުކޮށްލައިފައެވެ. އެއީ ބިންމަތީގައިވާ އަސްކަރީ ހާޑްވެއަރއެވެ. މިތަންތަނަށް ހަމަލަދިނީ ޓެކްޓިކަލް ބެލިސްޓިކް މިސައިލްތަކުންނެވެ. ޕާކިސްތާނުގެ ހަމަލާތައް އަމާޒުވި އިންޑިޔާގެ އެއަރބޭސްތަކަކީ އެއްތަނެއް ދެތަނެއް ނޫނެވެ. އެއްފަހަރާ އެތައް ތަނެކެވެ. ހަގުރާމައެއްގައި އެތަންތަނުގެ މައްޗަށް އިންޑިޔާ އެންމެ ބޮޑަށް ބަރޯސާކުރާ، އަދި އެތަންތަނާ ނުލައި އެއްކަމެއްވެސް ނުކުރެވޭހާ މުހިންމު ތަންތަނެވެ.
މިއީ އެމެރިކާ އާއި ޗައިނާއާއި ރަޝިޔާފަދަ ގައުމުތަކުގެ ތަޖުރިބާކާރުން ސެޓެލައިޓް ފޮޓޯތައް ބަލައި ދިރާސާކުރުމަށްފަހު ޔަގީންކޮށްދީފައިވާ ކަމެކެވެ. އިންޑިޔާގެ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތައް މިދެންނެވި ކަހަލަ ހައިރިޒޮލިއުޝަން ފޮޓޯތަކާއި ވީޑިއޯތަކުން ނިކަން ސާފުކޮށް ފެނެއެވެ. މޭރުންވެއެވެ. ބިންމަތީގައިވާ އަސްކަރީ އޮނިގަޑަށް ލިބުނު ގެއްލުންތަކުގެ ކުރު ޚުލާސާއަކަށް ޖެހިލަމާބަހީއެވެ. އިންޑިޔާގެ ހުޅަގުބިތުން ޕާކިސްތާނާ އެންމެގާތުގައިވާ ފޯވާޑް އެއަރބޭސްތަކާއި ތެޔޮރައްކާކުރާ ތަންތަނާއި ހަތިޔާރު ގުދަންތަކާއި ބްރިގޭޑް ހެޑްކުއާޓަރުތަކާއި ކޮންޓްރޯލް އަދި ކޮމާންޑު ސެންޓަރުތައް އޭގެތެރޭގައި ހިމެނެއެވެ. ސެޓެލައިޓް ފުޓޭޖް ބަލައި ދިރާސާކުރާ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެތަންތަނަށް ނުހަނު ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ބައެއް ތަންތަން އަލުން ބޭނުން ނުކުރެވޭ މިންވަރަށް ވަނީ ހަލާކުވެފައެވެ.
ނަތީޖާއެއްގެ ގޮތުން ހަގުރާމައިގެ ކަންކަން އެންމެ ނުރައްކާވި ދަނޑިވަޅުގައި އިންޑިޔާއަށް އެމީހުންގެ އޮޕަރޭޝަނުގެ ކޮމާންޑާއި ކޯޑިނޭޝަނުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. އިންޑިޔާއަށް ލިބުނު އެންމެބޮޑު ސިހުމަކަަށްވީ ޖޭއެފް ސަތާރަ ތަންޑަރއޭ ކިޔުނު ޖެޓް ބޭނުންކޮށްގެން އިންޑިޔާގެ ޕަންޖާބު ސްޓޭޓްގައިވާ އެސް-400 މަރުކާގެ ވައިގެ ދިފާއީ ނިޒާމުގެ ބާރު މުޅިން ކަނޑުވައިލުމެވެ. މިކަމަށް ބޭނުންކުރީ އެންމެ މިޒަމާނުގެ އާލާތެވެ. ހަތިޔާރެވެ. މިދެންނެވި ސިސްޓަމަކީ އޭގެ މައްޗަށް އެހެންއެއްވެސް ސިސްޓަމަކަށް އަދި ހަތިޔާރަކަށް ކުރިނުހޯދޭނޭ ކަމަށް މަޝްހޫރުވެފައިވާ ސިސްޓަމެކެވެ. ޕާކިސްތާނުގެ ވައިގެ ފްލީޓުން މި ސިސްޓަމް ބޭކާރު އެއްޗަކަށް ހަދައިލި ފަސޭހަކަމުން އިންޑިޔާގެ ވައިގެ ދިފާއީ ނިޒާމުގެ އިތުބާރުވަނީ މުޅިން ގެއްލިފައެވެ. ޕާކިސްތާނުގެ ކުރިމަތިގައި އެކަންޏެއް ނޫނެވެ. މުޅިދުނިޔޭގެ ކުރިމަތީގައެވެ. ހަމައެހެންމެ ޕާކިސްތާނުގެ ކެރިކުޅަދާނަކަންވެސް އެންމެނަށް ފެނިގެން ހިގާއްޖެއެވެ. މިވަގުތަކަށް ހަގުރާމަ ހުއްޓައިލީމާ މިސައިލްތަކާއި ބަޑިތަކަށް ހިމޭންކަން އަތުވެއްޖެއެވެ. އެކަމަކު އިންޑިޔާއަށް ލިބުނު ގެއްލުންތައް އިއާދައެއް ނުކުރެވޭނެއެވެ. ބަދަލެއް ނުކުރެވޭނެއެވެ.
އިންޑިޔާގެ ދަގަނޑުދަހަނާ ފޫއަޅުވައި ބަލިކަށިކޮށްލައިފިއެވެ. އިންޑިޔާގެ ކަންކަށިމަތީގައި ޕާކިސްތާނުން އެއަޅައިލީ ގަދަފަދަވެގެންވާ ވޭންދެނިވި އެތިފަހަރެކެވެ. މި އެތިފަހަރުގެ ގެއްލުންފޯރީ ހަމައެކަނި ހަތިޔާރާއި އޮނިގަޑަކަށް ނޫނެވެ. އިންޑިޔާގެ ފަޚުރާއި ޝަރަފަށް ލޮޅުންތަކެއް އަރައިފިއެވެ. އެއީ ހަގީގަތެކެވެ. އަސްކަރީ ދަޅައެޅުމަށް ނިމުން އަތުވެއްޖެއެވެ. އިންޑިޔާގެ ފޯވާޑް ބޭސްތަކާއި ކޮމާންޑް ސެންޓަރުތަކާއި އާޓިލަރީ ޔުނިޓްތަކާއި އެޒާތުގެ ތަންތަނަށް ލިބުނު ގެއްލުންތައް އެހެރީ ފެންނާށެވެ. މުޅިން ހަލާކުވެފައެވެ. ނުވަތަ ބޮޑުބައެއް ހަލާކުވެފައެވެ. އެކަން ދޮގުކުރަން ކޮންމެ ވާހަކައެއް ދެއްކިކަމަށްވިޔަސް މެއެވެ. ސިއްރުކުރުމާއި ވަންހަނާކުރުމަށް ކޮންމެ ކަމެއް ކުރިކަމަަށްވިޔަސް މެއެވެ. އެހެންވީމާ ޕާކިސްތާނާއި އިންޑިޔާގެ މި ހަގުރާމައިގެ ނަތީޖާ ކިތަންމެހައިވެސް ސާފެވެ. މިހަގުރާމައިގެ ސަބަބުން ދެކުނު އޭޝިޔާގައި އައު ސްޓްރެޓީޖިކް ރޮނގުތަކެއް ކުރަހައިލެވިއްޖެއެވެ. އިންޑިޔާގެ ދިފާއީ އޮނިގަޑުގެ ބައެއް ސުންނާފަތި ކުރުމާއެކު އިންޑިޔާގެ ވައިގެ ކެރިކުޅަދާނަކަމަށް އެއޮތީ ގޮންޖަހައިފައެވެ.
އިންޑިޔާގެ ކުރިމަތީގައި މިހާރުއޮތީ ހަމައެކަނި މަރާމާތުކުރުމުގެ މަސައްކަތެއް ނޫނެވެ. ކުރިމަގުގައި ޕާކިސްތާނާއެކު ކުރަންޖެހިދާނެ ހަގުރާމައަކުން ކުރިފަސް ހޯދުމަށްޓަކައި މުޅިން އައުވިސްނުމަކަށްދާން އެއޮތީ މަޖުބޫރުވެފައެވެ. އަނެއްކޮޅުން ޕާކިސްތާނުން އެއޮތީ ބަދަލުހިފުމަށްޓަކައި ކުރެވިދާނޭ ކަންކަމަށް އިންގިލާބީ ކުރިއެރުންތައް ހޯދައިފިކަން ދައްކައިފައެވެ. ޑްރޯނާއި ޖެޓާއި މިސައިލް ބޭނުންކޮށްގެން ދުޝްމަނުންގެ ކްރިޓިކަލް އިންފްެރާސްޓްރަކްޗަރ ނައްތައިލުމުގެ އައު އުކުޅުތަކެއް ޕާކިސްތާނުން އެވަނީ ތަމްސީލުކޮށްދީފައެވެ. އެކަމުގައި ޝައްކެއްވެސް ނެތެވެ. އިންޑިޔާއާއި ޕާކިސްތާނުން މިފަހަރުކުރި ހަގުރާމަޔަކީ ޕާކިސްތާނުން ފެށި ހަގުރާމައެއް ނޫނެވެ. އެކަމަަށް އިސްވީ އިންޑިޔާއިންނެވެ. އޮޕަރޭޝަން ސިންދޫރުގެ ނަމުގައި ޖެޓާއި މިސައިލާއި ޑްރޯނުން އެންމެ ފުރަތަމަ ހަމަލާތައް ފެށީ އިންޑިޔާއިންނެވެ. އެ ހަމަލާތަކުގައި ޕާކިސްތާނަށްވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެތައްބަޔަކު ވަނީ މަރުވެފައެވެ.
މިފަހަރު ޕާކިސްތާނުން އަމަލުކުރީ ކުރީ ފަހަރުތަކާ މުޅިން ތަފާތު ގޮތަކަށެވެ. ޕާކިސްތާނު އޮތީ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. އަވަސްއަރުވާލައިގެން ރައްދު ދިނުމުގެ ބަދަލުގައި ބަލަންއޮތީއެވެ. އިންޑިޔާގެ ހަމަލާތައް ލޯންޗުކުރި ތަންތަނާއި އުކުޅުތަކަށް ބަލަންއޮތީއެވެ. ދެރޭވަންދެން އިންޑިޔާ ހިތުހުރިގޮތަކަަށް އުޅެވުނީމާ އިންޑިޔާގެ ކޮންފިޑެންސް ދިޔައީ އުފުލިގެންނެވެ. ޕާކިސްތާނުގެ ހިމޭންކަމުގެ ސިއްރަކީ ބަލިކަށިކަން ކަމަށް ބަލައިފައެވެ. ޕާކިސްތާނުގެ ބަދަލުހިފުމުގެ އޮޕަރޭޝަން ފެށީ ހޮނިހިރުދުވަހުގެ ފަތިހުގެ ވަގުތެެއްގައެވެ. ދާދިކުޑައިރުކޮޅެއްގެ ތެރޭގައި މަތީގައި ބަޔާންކުރެވުނު ގެއްލުންތައް އިންޑިޔާއަށް ދީފިއެވެ. ނަތީޖާއަކީ ކޮބައިހެއްޔެވެ. ހަގުރާމަ ހުއްޓާލަން ހަމައެދުވަހު އިންޑިޔާ އެއްބަސްވުމެވެ. އެއްވެސް ޝަރުތެއްނެތިއެވެ. ކޮންމެއަކަސް ހަގުރާމަ މިވަގުތަކަށް ހުއްޓިއްޖެއެވެ. އެކަމަކު ހަގުރާމައިގެ ފިލާވަޅު ވަރަށް ބޮޑެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ ބާރުތަކުންވެސް މިފިލާވަޅު ލިބިގެންފިއެވެ. އެގައުމުތަކުގެ ދިފާއީ ކަންކަން ރޭވުމުގައެވެ. ޔަގީނާގާތަށް ގަބޫލުކުރެވެނީ ހަމަމިހެން ތިބެފައި ޕާކިސްތާނަށް ހަމަލާދިނުމަކީ ދެން އިންޑިޔާއިން ނުވެސް ވިސްނާނޭ ކަމެއް ކަމުގައެވެ.
އިމާދު ލަތީފު
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ
ޕާކިސްތާން މިލިޓަރީ ވަރަށް އެފިޝިއެންޓް. އިންޑިޔާ ލަދުގަންނަވާލީ އެ މީހުން ހީ ވެސް ނުކުރާ މިންވަރަކަށް.
މުސްލިމް - 1 އަހަރު ކުރިން