ހަތްދިހަ އަށްވަނަ ކޭންސް ފިލްމް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ މަޝްހޫރު އެކްޓްރެސް އުރުވަޝީ ރައުތެލާ ބޭނުންކުރި ކްލަޗް ދަބަހަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މި ދަބަހަކީ 4,67,895 ރުޕީސްގެ ޖުޑިތް ލީބަރ ޑިޒައިނެކެވެ.

އުރުވަޝީގެ ކްލަޗް ބޭގަކީ ޕެރެޓް (ގުރާ) ގެ ސިފައިގައި ހަދާފައިވާ ދަބަހަކެވެ. މި ދަބަހުގައި ރަތް، ފެހި، ނޫ، ހުދު އަދި އޮރެންޖު ފަދަ ގިނަ ކުލަތަކެއް ހިމެނެއެވެ. ދަބަހުގައި ވަނީ ކްރިސްޓަލްތަކެއް ވެސް ހަރުކޮށްފައެވެ.

އުރުވަޝީގެ ހެދުމާއި މޭކަޕްވެސް ކޮށްފައި ވަނީ މި ދަބަހާ ގުޅޭގޮތަށެވެ. އޭނާގެ ކަންފަތުގައި އަޅައިފައި ހުރި ބޮޑެތި ގަހަނާގައިވެސް ހިމެނެނީ އެ ދޫނީގެ ކުލަތަކެވެ. އުރުވަޝީގެ ބޮލުގައި އަޅައިފައި އޮތް ތާޖުގައިވެސް ގިނަ ކުލަތަކެއް ހިމެނެއެވެ. އޭނާގެ މޭކަޕްގައި ހިމެނެނީ ފެހި އަދި ނޫ އައިޝެޑޯ އެވެ. ވިދާ ސްޓޯންތަކެއް ވެސް ބޭނުންކޮށްފައި ވެއެވެ.

އުރުވަޝީގެ މި ފެނިލުމަކީ ވަރަށް ބޯލްޑް ފެޝަން މޮމެންޓެއް ކަމުގައި ބެލެވުނު ނަމަވެސް، ގިނަ ފެޝަން މާހިރުން ވަނީ މިއާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް އޭނާގެ ކްލަޗް ދަބަހަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއްޗެކެވެ. އުރުވަޝީ އަކީ މިފަދަ ދަބަހެއް ކޭންސް ފިލްމް ފެސްޓިވަލްގައި ބޭނުންކުރި ފުރަތަމަ ތަރިއެވެ.