ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ކިއުއާރު ކޯޑު ހޯދައިގެން އިނާމު ލިބޭ "ފެންކޮއެ ހަންޓު" ފަށައިފިއެވެ.

އެޗްޑީސީއާއި އައިލެންޑް ބެވަރޭޖެސް ގުޅިގެން ކުރިއަށްގެންދާ "ފެންކޮއެ" ހަންޓަކީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައިވާ ކިއުއާރު ކޯޑުތަކެއް ހޯދައިގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ލިބޭގޮތަށް ކުރިއަށްގެންދާ ޑިޖިޓަލް ހަންޓެކެވެ.

ފެންކޮއެ ހަންޓު ކުރިއަށްދާ ގޮތް:

  • ހުޅުމާލޭގެ އެކިއެކި ޕަބްލިކް ސަރަހައްދުތަކުގައި 35 ކިއުއާރު ކޯޑު ފޮރުވާފައި ހުންނާނެ.
  • މި ހަންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާ ކުރުމަށްފަހު، ފޮރުވިފައިވާ ކިއުއާރު ކޯޑުތައް ހޯދުމަށްފަހު ކަލެކްޓަބަލްސް ހޯދުމަށް ސްކޭން ކުރަންވާނެ.
  • ހަންޓުގައި ބައިވެރިވުމަށް ފޯނު ނަންބަރު ބޭނުންކޮށްގެން ރަޖިސްޓާ ކުރާނެ ލިންކު: https://fenkoehunt.taza.com.mv/login?login_required=true
  • ކޮންމެ ކަލެކްޓަބަލް އަކީ 20 ޕޮއިންޓް، ނުވަތަ 50 ޕޮއިންޓު ނުވަތަ 100 ޕޮއިންޓު.
  • ކިއުއާރު ކޯޑު ސްކޭން ކޮށްގެން ޕޮއިންޓު ކަލެކްޓު ކުރަމުންދާ ވަރަކަށް، އެންމެ ކުރީގައި އުޅޭ ކުޅުންތެރިންގެ ލައިވް ލީޑާ ބޯޑް ފެންނާނެ.
  • ކިއުއާރު ކޯޑުތައް ފޮރުވިފައި ހުރި ސަރަހައްދުތަކުގެ ހިންޓު ލިބޭނެ.

މި ހަންޓުގައި ބައިވެރިވެގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ވަނީ ކަނޑައެޅިފައެވެ. އެގޮތުން، އެއްވަނައަށް ދާ ފަރާތަކަށް 7،000ރ. ގެ ފައިސާގެ އިނާމު އަދި ދެވަނައަށް ދާ ފަރާތަކަށް 4،000ރ. ގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާ އިރު، ތިންވަނައަށް ދާ ފަރާތަކަށް 2،000ރ. ގެ ފައިސާގެ އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ފެށި މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ހަރަކާތުން ވަނަ ލިބޭ ފަރާތްތައް އިއުލާން ކުރުން އޮންނާނީ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމަށް، އެޗްޑީސީން މި މަހުގެ 17 ވަނަ ދުވަހު ބާއްވާ "ބީޗް ފެސްޓް" ގައެވެ.

ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތައް ފެށީ، މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުންނެވެ. ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގެ ތެރެއިން ސްޓޯރީ ފޮޓޯ ވޯލކް، ހުޅުމާލެ މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް މި ހަފުތާގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.