ސައްހަ ނޫން ވިސާގައި ރާއްޖެއަށް ބިދޭސީން ގެނެސް، މަނީ ލޯންޑާކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ހަމްޒަތު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސެއިން ކަމަށެވެ.
މުހައްމަދު ހަމްޒަތު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ގިނަ ބަޔަކާ ސުވާލުކޮށް ބަޔާން ނެގުމަށްފަހު ޝަހާދަަތު ހުސެއިންއާ ގުޅުންހުރި މޯބައިލް ފޯނަކާއި އިތުރު އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުލީލުކޮށް މައްސަލައާ ގުޅުންހުރި ހެކި ހޯދާފައިވާ ކަމަށެވެ.
އެގޮތުން ޝަހާދަތު ހުސެއިންގެ ފޯނުން އެކިއެކި ކުންފުނީގެ ރަޖިސްޓްރީ އާއި ލޯގޯ، ސްޓޭމްޕާއި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓުތަކާއި ބިދޭސީންގެ ޕާސްޕޯޓްގެ އިތުރުން ދިވެހި އައިޑީކާޑުތަކެއް ފެނިފައިވާ ކަމަށް މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ.
މުހައްމަދު ހަމްޒަތު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ޝަހާދަތު ހަތަރު ވޯކް ޕާމިޓެއްގައި ރާއްޖޭގައި ދިރިއުޅެމުންދިޔަ ކަމަށެވެ. މުހައްމަދު ހަމްޒަތު ވިދާޅުވީ ވޯކް ޕާމިޓުން އެނގޭ ގޮތުގައި ހަމްޒަތު އެންމެފަހުން އަދާކުރަމުންދިޔައީ އޮފީސް ބޯއިއެއްގެ ވަޒީފާ ކަމަށާއި އެ މަގާމުގެ މުސާރައިގެ ގޮތުގައި ޝަހާދަތު ހުސެއިންއަށް މަހަކު 3،000 ޑޮލަރު ލިބޭކަމަށް މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޝަހާދަތު ހުސެއިންގެ ވޯކް ވިސާ ފީ ނުދައްކާތީވެ އެ ޕާމިޓްގެ މުއްދަތު ހަމަވެފައިވާކަން އެކްސްޕެޓް ސިސްޓަމުން އެނގޭ ކަމަށް މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ.
ޝަހާދަތު ހުސެއިން ވަނީ 2019 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އޭނާގެ ނަމުގައި ހަ އެކައުންޓް ހުޅުވާފައި ކަމަށެވެ. އޭނާ ހުޅުވާފައިވަނީ ދިވެހި ރުފިޔާ ތިން އެކައުންޓާއި ޑޮލަރު ތިން އެކައުންޓު ކަމަށް މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ.
2019 ވަނަ އަހަރުން ފެށިގެން ޝަހާދަތު ހުސެއިންގެ ބޭންކު އެކައުންޓުތަކަށް އަށް މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ޖަމާކޮށް ދައުރުވެފައިވާ ކަމަށާއި ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދެއްކުމަށް އެކްސްޕަޓް ޕޯޓަލްގެ ތެރެއިން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އެ އެކައުންޓުތަކުން ދައްކާފައިވާ ކަމަށް މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ.
ޝަހާދަތު ހުސެއިން މާލޭގައި އުޅެނީ 18،000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަގައިގެން ކަމަށެވެ.
ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕަޓް ސިސްޓަމްގައި ގިނަ އެކައުންޓުތަކެއް ހުޅުވާފައިވާ ކަމަށާއި އެގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރިވެރިންގެ ނަމުގައި 150 އެކައުންޓް (އައިޑީ އަދި ޕާސްވޯޑް)، އަމިއްލަ ކުންފުނިތަކުގެ ނަމުގައި 283 އެކައުންޓު (އައިޑީ ޕާސްވޯޑް)، ބޭރު ކުންފުނިތަކުގެ ނަމުގައި ހަތް އެެކައުންޓް (އައިޑީ އަދި ޕާސްވޯޑް)، ޕާޓްނާޝިޕްގެ ނަމުގައި އެކްސްޕަޓް ސިސްޓަމްގައި ރިލޭޝަން ގާއިމުކޮށްފައިވާ ފަސް އެކައުންޓު ހުޅުވާފައިވާ ކަމަށް މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ.
އެ ހުރިހާ އެކައުންޓުތަކެއްގެ އައިޑީ އާއި ޕާސްވޯޑުގެ މައުލޫމާތު ޝަހާދަތު ހުސެއިންގެ އަތުގައި ހުރި ނަމަވެސް މުހައްމަދު ހަމްޒަތު ވިދާޅުވީ އެކްސްޕެޓް ސިސްޓަމާއި އީފާސް އެކައުންޓުތަކުގެ މައުލޫމާތުތަކަކީ ޝަހާދަތު ހުސެއިން އަމިއްލައަށް ކްރިއޭޓްކުރި އައިޑީތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މުހައްމަދު ހަމްޒަތު ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނާއި އާންމުންގެ ގިނަބަޔަކު ވަނީ ޝަހާދަތު ހުސެއިންއާ ގުޅިގެން އެ ކުންފުނިތަކުގެ ނަމުގައި ބިދޭސީންގެ ކޯޓާ ނަގައި، ބިދޭސީން އެތެރެކޮށް، އެ ބިދޭސީންނަށް ވަޒީފާ ނުދީ މަގުމައްޗަށް ދޫކޮށްލައިފައި ކަމަށެވެ. އަދި އެ ބިދޭސީންނަކީ އޯޕަން ބައެއްގެ ގޮތުގައި މަސައްކަތްކުރުވައި މާލީ މަންފާ ނަގާ ކަމަށްވެސް ބެލެވޭކަމަށް މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ.
ޝަހާދަތު ހުސެއިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ފޮނުވާފައިވާކަމަށް މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ދެން އެސޮރުއަތުން ހެސްކިޔާފަ ލާރިނަގާފަ ފޮނުވާލާނީކީ ނޫން. ދެންތިބި މީހުނަށް ފިލާވަޅެއް ދީބަލަ ތި ތަހުގީގު ނިންމާލާފައި ކޮށްލާ ހުކުމުން.
ގަނޑިޔާ!!! - 1 އަހަރު ކުރިން