ޕާކިސްތާނާއި އިންޑިޔާގެ މެދުގައި ތިންދުވަހުގެ ހަގުރާމައެއް ހިގުމަށްފަހު ހަމަލަތައް ހުއްޓާލައި މިވަގުތަކަށް މައިތިރިވެގެން ތިބުމަށް ދެގައުމުންވެސް އިއްޔެވަނީ އެއްބަސްވެފައެވެ. އެއްވެސް ޝަރުތެއްނެތި ހަމަލަތައް ހުއްޓައިލުމަށް ދެގައުމުންވެސް އެއްބަސްވެ އެގޮތަށް އަމަލުކުރަންވެސް ވަނީ ފަށައިފައެވެ. މިއީ އެމެރިކާގެ އިސްނެގުމާއެކު އިތުރު ދިހަބާރަ ގައުމުގެވެސް ބާރުއެޅުންތަކާއެކު ގާއިމުކުރެވުނު ވަގުތީ އެއްބަސްވުމެކެވެ. އެހެންވީމާ މިއީ ހުޅުވިފައިވާ ހަގުރާމައެއްގެ ބިރުވެރިކަމުން މިވަގުތު ދެކުނު އޭޝިޔާ ސަލާމަތްވުމެކެވެ. ހުޅުވިފައިވާ ހަގުރާމައެއް ކުރެވުނުނަމަ ނިއުކުލިއަރ ކުރިމަތިލުމަކަށް ބަދަލުވުމުގެ ފުރުސަތު އޮތެވެ. ކޮންމެއަކަސް މުޅި ދުނިޔެއަށް ޚާއްސަކޮށް ދެކުނު އޭޝިޔާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައެވެ. އެކަމަށް މުޅިދުނިޔެއިންވެސް ވަނީ މަރުހަބާ ކިޔައިފައެވެ. ބުދަދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމަޔަށް ބަދަލުކުރެވުނު ހަމަލާތަކުގައި ދެފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ދެގައުމުންވެސް އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އެއްބަސްވުމުގައި އޮތީ ކޮންވާހަކައެއް؟

ހަމަލާތައް ހުއްޓުނު ކަމަށްވިޔަސް ދެގައުމުގެ މީޑިއާގެ ހަގުރާމައެއް ނުނިމެއެވެ. ނުވެސް ނިމޭނެއެވެ. މި އެއްބަސްވުމުގައިވާ ގޮތުން އިންޑިޔާ ގަޑިން އިއްޔެ ހަވީރު ފަހަކުން ފެށިގެން އެއްގަމާއި ވަޔާއި ކަނޑުގެ މަގުން އެއްވެސް ބާވަތެއްގެ ހަމަލާތަކެއް ދެފަރާތުން ބަދަލެއް ނުކުރާނެއެވެ. މަސްރަހު ފިނިކުރުމަށްޓަކައި ދެފަރާތުގެ ސިފައިންގެ މެދުގައި މުވާސަލާތުގެ ދޮރެއް ހުޅުވާނެއެވެ. އެފަދަ ލިންކެއް ނުވަތަ ލައިނެއް މިހުޅުވަނީ އެއްވެސް ގޮތަކަށް އެއްވެސް ސިފައެއްގައި ދެފަރާތުގެ މެދުގައި މުވާސަލާތުކުރުން ދުވަސްތަކަކަށް ހުއްޓާލައިގެން ތިބުމަށްފަހުގައެވެ. ކުރިއަށް އޮތްތަނުގައި ވަކިއަތަކަށް ނުޖެހޭ ކޮންމެވެސް ގައުމެއްގައި ދެފަރާތުން މަޝްވަރާތަކެއްވެސް ކުރާނެއެވެ. މިގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކުންތަކެއް އޮންނާނީ މިމަހު ބާރަވަނަ ދުވަހުއެވެ. އެއްބަސްވެވުނު މައިގަޑު ނުގުތާތަކަކީ އެއީއެވެ. ހަމަލަތައް ހުއްޓުވުމުގެ މަސައްކަތުގައި އެމެރިކާގެ އިތުރަށް ދެން ޝާމިލްވީ ގައުމުތަކެއް އަދި ނޭގެއެވެ. އިނގިރޭސިވިލާތް ހިމެނޭކަން ގާތްގަޑަކަށް ޔަގީނެވެ.

މަޝްވަރާކުރާނީ ކޮންކަމަކާ ގުޅޭގޮތުން

ޕާކިސްތާނާއި އިންޑިޔާގެ މެދުގައި މަޝްވަރާތަކެއް ފެށޭނެކަން އެމެރިކާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯވެސް ވަނީ އިއުލާން ކުރައްވައިފައެވެ. އޭނާ ވިދާޅުވިގޮތުން ވަރަށް ބައިވަރު ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އެކަމަކު އިންޑިޔާގެ ސަރުކާރުން ވަނީ ޒާތަކަށް މިކަން ދޮގުކޮށްފައެވެ. އެއްވެސްތަނެއްގައި އެއްވެސް ވާހަކައެއް ދެއްކުމަށް އެއްބަސްވެފައި ނުވާނޭކަމަށް ބުނެއެވެ. ވާހަކަތައް ފެށުމަކީ ޕާކިސްތާނަށް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ އިންޑިޔާއަށެވެ. ހަރުކަށި ހިންދޫން ރުއްސުމަށްޓަކައި ބޮޑުވަޒީރު މޯދީ ގެންގުޅުއްވާ ސިޔާސަތަކީ ވާހަކަ ނުދައްކައި ޕާކިސްތާނަށް އަދަބު ދިނުމުގެ ސިޔާސަތެކެވެ. އެހެންވީމާ މަޝްވަރާގެ މޭޒުދޮށަށް ހާޒިރުވުމަކީ ހަރުކަށި ހިންދޫންގެ ކުރިމަތީގައި މޯދީގެ ވެއްޓުމަކަށްވާނެއެވެ. ކޮންމެއަކަސް ޔަގީންވާކަމަކީ ދެގައުމުން މަޝްވަރާ ކުރަން ޖެހިފައިވާ ކަމެވެ. ޚާއްސަކޮށް އިންޑަސްކޯރުގެ ފެން ހިއްސާކުރުމާއި ޝިމްލާ މުއާހަދާ ދެމެހެއްޓުމުގެ ކަންކަމުގައެވެ.

ދެ ގައުމުގެ މެދުގައި ކުރެވުނީ އަސްލުގައިވެސް ހަގުރާމައެއްތަ؟

ރަސްމީގޮތުން ބަލަންޏާ ހަގުރާމައެއް ނޫނެވެ. މިސައިލާއި ރޮކެޓާއި ޖެޓާއި ޑްރޯނާއި ބޮޑުބަޑި ބޭނުންކޮށްގެން ތިން ހަތަރު ދުވަސްވަންދެން ހޭވައްޓާލައިގެން ތިބެ ހަމަލާތައް ބަދަލުކުރިއަސް އެއީ ރަސްމީގޮތުން ހަގުރާމައެއް ނޫނެވެ. އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ހަގުރާމައެއް އިއުލާން ނުކުރާތީއެވެ. ކޮންމެބަޔަކުވެސް އިއުލާންކުރީ އަނެއްބަޔަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެކެވެ. މިއީ މިދެގައުމުގެ މެދުގައި ފަހަކަށްއައިސް ކުރިމަތިލުންތައް ހިންގާ ގޮތެވެ. ކޮންމެވެސް އޮޕަރޭޝަނެކެވެ. އެތައްސަތޭކަ ބަޔަކު މަރުވިޔަސް އޭގެ ދަރަޖައަކީ ހަމަ އޮޕަރޭޝަނެއްގެ ދަރަޖައެވެ. އެކަމަކު ހަގީގަތުގައި އެކުރެވުނީ ހަގުރާމައެކެވެ. ކޮންމެ ނަމެއްކިޔަސްމެއެވެ. އެހަގުރާމައިން ބަޔަކު މޮޅެއް ނުވެއެވެ. މޮޅާއިދެރަ އެކި މީހުންނަށް ފެންނާނީ އެކިގޮތަށެވެ. ޔަގީންވަނީ ހަމަލާތައް ފެށީ އިންޑިޔާއިން ކަމާއި އިންޑިޔާ ބޭނުންވި ކަންކަން ހާސިލެއް ނުކުރެވުނު ކަމެވެ. އެހެންވިޔަސް އިންޑިޔާގެ މީޑިއާއިން ދައްކާ ވާހަކަ ވަރަށް ތަފާތުވެދާނެއެވެ.

ބައިނަލްއަގުވާމީ ފަރާތްތަކުގެ މެދުވެރިކަމުގެ ދަށުން ކަމެއް ހައްލުކުރެވުނުތަ؟

ޕާކިސްތާނާއި އިންޑިޔާގެ މެދުގައި މިހާތަނަށް ކުރެވުނުހައި ހަގުރާމަޔަކާއި ހިންގުނުހައި އޮޕަރޭޝަންތަކެއް ނިމިފައިވަނީ ބައިނަލްއަގުވާމީ ފަރާތްތަކުން ހޯހޯއޭ ގޮވައި އެދެމެދަށްވަދެ އަދާކޮށްފައިވާ ދައުރުގެ ސަބަބުންނެވެ. ކަޝްމީރުގެ ފުރަތަމަ ހަގުރާމަ ނިންމައިލީ އދ.ގެ ސަލާމަތީ މަޖިލީސް މެދުވެރިވެގެންނެވެ. އޭގެފަހުން 1965 ގެ ހަގުރާމަ ނިމުނީ ސޯވިއެޓް ޔުނިއަން މެދުވެރިވެގެންނެވެ. ތަންކޮޅެއްފަހުން 1999 ގެ ކަރްގިލްގެ ހަގުރާމަޔާއި 2002 ގެ އޮޕަރޭޝަންތައް ނިމުނީ އެމެރިކާގެ މެދުވެރިކަމުގެ ދަށުންނެވެ. އާދަޔާ ޚިލާފު ފިއްތުންތަކާއި މަޖުބޫރުކުރުންތަކުގެ ތެރެއިންނެވެ. މިފަހަރު މިދެގައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކުރިމަތި ކުރެއްވީ ކޮންޒާތެއްގެ ޕްރެޝަރެއްކަމެއް ނޭގެއެވެ. ޔަގީންވަނީ ޕްރެޝަރު އުކުޅުތައް ބޭނުންކުރެވިފައިވާނޭ ކަމެވެ. އެހެންނޫންނަމަ ކަނޑި މަޅައިގެން ތިބެފައި ކުއްލިއަކަށް މައިދާންދޫކޮށް ދާންޖެހޭ ހާލަތެއް ނޫނެވެ. އެއަށްވުރެ ކަންކަންއޮތީ ގޯސްކޮށެވެ.

ދެންވާނީ ކިހިނެއް؟

ހަގުރާމަ އެއޮތީ ހުއްޓިފައެވެ. އެކަމަކު އެކަން ދާއިމީއެއް ނުވާނެއެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް ހިލިގަންނާނެއެވެ. ކޮންމެވެސް ބަހަނާއެއް، އުޒުރެއް ދައްކައިފައެވެ. މީގެކުރިންވެސް މިކަން ހިގާފައިވަނީ މިހެންނެވެ. އެކަމަކު އެއްކަމެއް ދެން ތަފާތުވާނެއެވެ. ޕާކިސްތާނަކީ ބަލިކަށި ބަޔަކަަށް ބަލައިގެން ހަމަހިތަށްއެރިހައި ވަގުތަކު ހަމަލަދޭން އޮންނަ އަމާޒުފަތްގަޑަކަށް ހެދުން ހުއްޓޭނެއެވެ. އެހެނީ އިންޑިޔާއިން އެއްބަސްވިޔަސް ނުވިޔަސް އަސްކަރީގޮތުން އިންޑިޔާއަށް މިފަހަރު ފިލާވަޅެއް ލިބިއްޖެއެވެ. އޭގެ ސަބަބުން ދެން އޮންނާނީ އަސްކަރިއްޔާއަށް ކުރާ ހޭދަ އިތުރުކުރުމާއި ހަތިޔާރު އުފެއްދުމާއި ގަނެ އެއްކުރުމުގެ ރޭހެކެވެ. ދެގައުމުގެ އަރައިރުންތަކުގެ އަސްލުކަމަށްވާ ކަޝްމީރުގެ މައްސަލަ ދެންވެސް އޮންނާނީ އަނދަމުންދާ އަލިފާންގަޑެއްގެ ގޮތުގައެވެ. އެ އަލިފާންގަޑު ނިއްވާލައި މަސްރަހު ފިނިނުކުރެވޭހައި ދުވަހަކު ދެގައުމުގެ މެދުގައި ސުލްހައެއް ނޯންނާނެއެވެ. ދެގައުމުގެ ސިޔާސަތު ބަދަލުކޮށްގެންނޫނީ ކަޝްމީރުގެ މައްސަލަ ހައްލެއްވެސް ނުވާނެއެވެ