މިހާރު ގާއިމުކުރުމަށް ހަމަޖައްސަމުންގެންދާ ހަޔާ އެޑިއުކޭޝަން ސިސްޓަމް އެޕް ތައާރަފުކުރުމުން، ބޭރު ގައުމުތަކުގައި ކިޔަވަން ތިބޭ ދަރިވަރުންގެ މައްސަލަަތަކަށް އެޓެންޑްވުން އަވަސްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ލޯނު އެހީގެ ދަށުން ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ކުދިން، އެކި މައްސަލަތަކުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ މުއާމަލާތްކުރަން އުނދަގޫވެ، ގިނަ މައްސަލަތަކެއް ހައްލުނުވެ ފުނިޖެހެމުންދާ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނާ މުއާމަލާތްކުރުމަށްޓަކައި ވަރަށް ގިނަ އިތުރު ގޮތްތަކެއް މިނިސްޓްރީން ހަމަޖައްސަމުންގެންދާ ކަމަށެވެ.

އެގޮތުން މިހާރުވެސް ވަޓްސްއަޕް ނަމްބަރުތަކެއް ތައާރަފުކުރަން ނިންމައި، އޭގެ ފުރަތަމަ ނަމްބަރު އިފްތިތާހުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެގޮތުން އެންމެ ފުރަތަމަ ތައާރަފުކުރި ނަމްބަރަށް ދަރިވަރުންގެ ފަރާތުން ލިބުނު ރެސްޕޮންސަކީ، އެ ނަމްބަރާ ހަމަ ގުޅާތަނުން، ނޫނީ މެސެޖެއް ކުރާ ތަނުން ހަމަ ވަގުތުން އެ ކުއްޖެއްގެ ކަންތައްތަކަށް އެބަ އެޓެންޑްކުރެވޭއޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ފަންސާހަށްވުރެ ގިނަ ދަރިވަރުން އުޅޭ ހުރިހާ ގައުމުތަކަށް ހާއްސަކޮށް ވަޓްސްއަޕް ނަމްބަރެއް ކަނޑައަޅާނެ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަމަ އެއާއެކީ އެބަ ތައާރަފުކުރަން، ހަޔާ އެޑިއުކޭޝަން މެނޭޖްމެންޓް ސިސްޓަމް ކިޔާ އެޕެއް، އެ އެޕާއެކީގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް ނުވަތަ ކޮމްޕެއިންސްތަކަށް އެޑްރެސް ކުރެވޭނެ،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.