މަސްވެރިންނަށް ޑޮލަރުން ފައިސާ ދެއްކުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ޑޮލަރުން ފައިސާ ދެއްކުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްބުނެ އިދިކޮޅު އެމްޑީޕީން ވެސް މީގެ ކުރިން ވާހަކަދައްކާފައިވާ އިރު، އަހާ ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ޑޮލަރުން މަސްވެރިންނަށް ޕޭމަންޓް ދޭ ވާހަކަ އެއީ ރަނގަޅު ވާހަކައެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އެފަދަ މޭރުމަކުން ވިދާޅެއް ނުވޭ ކެމްޕޭންގައި ވެސް، އަޅުގަނޑު މިއީ ކެމްޕޭންގައި ވަރަށް އެކްޓިވްކޮށް އުޅުނު މީހަކަށް ވާތީއާ ވެސް އެކު. އެ މަނިކުފާނުގެ މެނިފެސްޓޯ ވެސް އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަހުގެ އަގު ހުރީ ދައުލަތަށް ކެތްވާ ވަރަކަށް ނޫން ކަމަށާއި މަހުގެ އަގު ހުރީ މަސްކިލޯއެއް 23 ރުފިޔާއަށް ކަމަށެވެ. އަދި އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭގައި ކުރީގެ ސަރުކާރުން ގެނައި ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސެޕްޓެމްބަރު 16 ވަނަ ދުވަހު މަަހުގެ އަގަށް މި ގެނައި ބަދަލަކީ، އޭރު އޮތް 17 ރުފިޔާއަށް އޮތް އޮތުން 23 ރުފިޔާއަށް ބަދަލު މިކުރީ. 23 ރުފިޔާއަށް ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރޭ ބަދަލުކުރެއްވި ކުރެއްވުމުގައި އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް އޮތްތޯ ނެތްތޯ ވެސް، މި ސުވާލު ވެސް އުފައްދާނެ. ޔަގީނުން ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ، އަދި މަސްވެރިންނަކަށް ވެސް ނުފެނޭ އެކަމުގައި އެއްވެސް އިހުލާސްތެރި ނިޔަތެއް އޮތްތަނެއް އެގޮތަށް ބަދަލުކުރި ކުރުމުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަހުގެ އަގު 23 ރުފިޔާއަށް ބަދަލުކުރުމަށްފަހު، އެ ހިސާބުން ފެށިގެން 17 ނޮވެމްބަރު 2023 ގައި ވެރިކަން ނިމިގެންދިޔަ އިރުވެސް މަސްވެރިންނަށް ފައިސާ ދެވިފައި ނުވާ ކަމަށާއި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށެވެ. އަދި މިފްކޯއިން 23 ރުފިޔާއަށް މަސް ގަންނަ އިރު، ސަރުކާރުން 13 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ސަބްސިޑީގެ ގޮތުގައި ދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ ސަރުކާރުގެ އާމްދަނީ މިހުރި ގޮތުން ސަރުކާރަށް ވާނެ ކަމެއް ނޫން. އަދި ސިޔާސީ ބޭނުމުގައި އެކަން ކުރިއަކަސް، މަސްވެރިން ކޮންމެ ދުވަހަކު މުޒާހަރާގައި ތިބެން ޖެހޭނީ. މަސްވެރިން ވެސް ގަބޫލުކުރޭ އެ އަގު ނުދެވޭނެކަން. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ މަސްވެރިން ހަގީގަތުގައި ނިކަމެތިވެގެން ދިޔައީ، ކުރީ ސަރުކާރަކަށް އެ ފައިސާއެއް ނުދެވުނު،" މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދެވޭނެ އަގަކަށް މަހުގެ އަގު ގެނައުމަށް ކުރި މަސައްކަތުގެ ދަށުން، މިދިޔަ ޖޫން މަހު، މަހުގެ އަގު ކަނޑައެޅީ ބޭރުގެ މާކެޓުތަކަށް ރިއާޔަތްކޮށް ކަމަށާއި މިހާރު މަސްވެރިންނަށް ބަރާބަރަށް ފައިސާދެވޭ ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާދިނުމަށް ރައީސް މިދިޔަ އަހަރު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މިހާރު އެކަން ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިން އަތުން 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަސް ގަންނާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.