މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ދުވާނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންގެ ފަހަތުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ އަހާ ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެހެން ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލައަށް މަސައްކަތްކުރަނީ އޭގެ ވިޔަފާރީގެ މިންވަރު ދަށްކުރުމަށް ފޯކަސްކޮށްގެން ކަމަށެވެ.

"އެކަން ކުރާ އިރުގައި، އަޅުގަނޑުމެން މަސްތުވާތަކެތި ފަހާ ދުވުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އަޅުގަނޑުމެން އަތުލައިގަންނަނީ. އެހެންވީމާ އަޅުގަނޑުމެން މިހާރު މުޅި ރާއްޖެއަށް ފުޅާކޮށްގެން ތަހުގީގުތަކެއް އެބަ ގެންދަން. މިވަގުތު ވެސް މަނީ ލޯންޑަރިން ފްރޮންޓުން އަޅުގަނޑުމެން މި މައްސަލަ މި ބަލަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މަސްތުވާތަކެތި ވިއްކާ މީހުން އަދި އޭގެ މުލުގައި ތިބޭ މީހުން މަސްތުވާތަކެއްޗާ އެކުގައި އެ އެއްޗެހި ވިއްކަމުން ނުދާ ކަމަށާއި އޭގެ ބަދަލުގައި އެމީހުން އެ ތަކެތި ވިއްކަނީ އެހެން ބަޔަކު މެދުވެރިކޮށް ކަމަށެވެ. އަދި ފުލުހުންގެ އޮޕަރޭޝަންތަކުގައި އަތުލައިގަނެވެނީ ވެސް އޭގެ މެދުތެރޭގައި ތިބޭ މީހުން ނުވަތަ އެންމެ ދަށުގައި ހުންނަ މީހާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެމީހާ ކިތަންމެ ވަރަކަށް ހައްޔަރުކުރިޔަސް، އެ މީސްމީހުން ހައްޔަރުކުރިޔަސް މީގެ އަސްލާ ހިސާބަކަށް ނުދެވޭ. އަޅުގަނޑުމެން މިހާރު ފައިސާ ފޮލޯކޮށްގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ގަބޫލުކުރެވޭ، އަދި އަތޮޅުތަކުގައި މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑެތި މީހުން މި ހޯދަނީ. ހޯދާފައި އެ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު މި އަޅަނީ، އެކަން އަޅުގަނޑުމެން ހުއްޓުވަނީ، އެމީހުންގެ ފައިސާ ސީޒްކުރާނީ، އެމީހުންގެ ވިޔަފާރިތައް އަޅުގަނޑުމެން ހުއްޓުވާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ އެކި ވިޔަފާރިތަކުގެ ފަހަތުގައި ފިލައިގެން ތިބެ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ މީހުންނަށް ރާއްޖޭގައި ދެން އެކަން ނުކުރެވޭނެ ކަމަށާއި އެމީހުން ފަހައި ދުވެ، އެމީހުން ހުއްޓުވާނެ ކަމަށެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.