ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާގައި، ސަންގު ޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާއަށް ފުރައްސާރަކުރި މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ވާހަކަތައް ދައްކާފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައެވެ. ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި މަދަދާގެ ވާހަކަ ފެށީ އެ ޕާޓީގެ އެކްޓިވިސްޓް އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

އެ ޖަލްސާގައި މަދަދާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަކިވަކި ނޫސްވެރިންނާ ގުޅިގެން މުހާތަބުކުރާ އިރު، ޒާތީ ތައައްސުބުން އެއްކިބާވެ އިހުތިރާމާއެކު ކޮންޓެންޓް ގެނެސްދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މިފަހަކަށް އައިސް ބައެއް ފަރާތްތަކުން އެކިއެކި ފޯރަމްތަކުގައާއި އެއްވުންތަކުގައި ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަކުރަމުންދާކަން ކޮމިޝަންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ..،" އެ ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.

ބްރޯޑްކޮމް އިން ބުނީ އެފަދަ ގޮތްގޮތަށް ނޫސްވެރިންނަށް އަމާޒުކޮށް ދެކެވޭ ވާހަކަތައް ބްރޯޑްކާސްޓްކުރުމުގައި ސަމާލުކަން ދިނުމަށްވެސް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.

ޕީއެންއެފްގެ އެ ޖަލްސާގައި ވާހަކަ ފަށަމުން ވައްޑެ ބުނެފައިވަނީ، މަދަދާ ފިޔަވައި އެހެން ނޫސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ފިއްލަވައިގެން ކަމަށާއި ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާފައިވަނީ އެހެން ހުރިހާ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވުމަށްފަހު ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ސުވާލެއް އުފައްދަވަމުން ވިދާޅުފައިވަނީ، "މަދާދާ ހުރިހާ މިކަހަލަ ޖަލްސާތައް ކަވަރުކުރައްވަން ގެންދަވަނީތޯ؟ ރަށްރަށަށް ދަތުރުކުރައްވާ އިރު، އެއީތޯ އެ ކުއްޖަކީ؟" ކަމަށެވެ.

ޔާމީންގެ އެ ސުވާލަށް ޖަވާބުދެމުން ވައްޑެ ބުނެފައިވަނީ، ރައީސް މުއިއްޒު ގަބޫލުފުޅުކުރައްވާގޮތުގައި ހުރިހާ ކަމެއް ކަވަރުވީ މަދަދާއާ ދިމާވުމުން ކަމަށެވެ.

އެއަށްފަހު ޔާމީން އެއްސެވީ "މަ ދާ ތަނަކަށް މަދާދާ ދަނީ؟" ތޯއެވެ.

ޔާމީންގެ އެ ސުވާލަށްފަހު ޖަމީލު ވެސް ވަނީ އެ މައުލޫއުގައި ސުވާލެއް ކުރައްވައިފައެވެ. "ވައްޑެ، އެ ކުއްޖާގެ ޑްރެސްކޯޑު އެއީ ލަތީފު އެޕްރޫވް ކުރައްވާފައިތޯ ހުންނަނީ؟،" ޖަމީލު ވިދާޅުވިއެވެ.

އޭގެ ފަހުން ރައީސް ޔާމީން އެއްސެވީ، "އެއީ ހާއްސަ ކުއްޖެއްތޯ؟" އެވެ.

ޖަވާބުދެމުން ވަހީދު ބުނެފައިވަނީ އެއީ ވަރަށް ހާއްސަ ކުއްޖެއް ކަމަށާއި މަދަދާއަށް ކެބިނެޓް ސްލޮޓެއް ވެސް އެބައިން ކަމަށެވެ. ނަމަވެސް މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ސަބަބުން އެ ސްލޮޓް ގެއްލިދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.