ވަރުބަލިވުމެއް، ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރައްވާނެ ކަމަށާއި ނަރުހުންގެ އަޑުއަހައި އިޖާބަ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ، "ނަރުސް" އެ ނަމަކީ އޯގާތެރިކަން، އަޅައިލުން، ހިތްވަރު، މުރާލިކަން، ހިނިތުންވުން ފަދަ މުހިންމު އަދި ރީތި އެތައް ސިފައެއް އެކުވެފައިވާ ގަދަރުވެރި ނަމެއް ކަމަށާއި ނަރުހުންނަކީ ސިއްހީ ހިދުމަތުގެ ހިތް ކަމުގައިވެސް، ވިންދު ކަމުގައިވެސް، މައިބަދަ ކަމުގައިވެސް ސިފަކުރެވޭ ކަމަށެވެ.

"ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރެވެ. މުޅި ސިއްހީ ނިޒާމުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ބާރެވެ. ކާމިޔާބު ކަމާއެކު ބޭސްފަރުވާ ދޭ ތަނެއްގެ ލޮލަކީވެސް، ކަންފަތަކީވެސް، ދަރުމަވެރި އަތަކީވެސް ނަރުހުންނެވެ. ބުއްދިވެރި ބަހެއްގައި "އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަޠަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ނަރުހެއް ކަމުގައި" ބުނަނީ ނަރުހުންދޭ ވަފާތެރި އަގުހުރި ހިދުމަތުގެ މަތިވެރިކަމަށްޓަކައެވެ.،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ހިދުމަތްކުރާ ނަރުހުންގެ 92 ޕަސެންޓަކީ އަންހެނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމުން ދޭހަވަނީ، އެފަދަ ބުރަ، ގައުމީ އަދި އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ސިއްހީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވާ ކަމަށާއި ގައުމަށް ބޭނުންތެރި އެ ހިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ބައްޔަކަށް، އުނދަގުލަކަށް ފަރުވާ ހޯދަމުންދާ މީހެއްގެ އާއިލާއަކީ ދުނިޔެއަކީ މިތުރުންނަކީވެސް ނަރުހުން ކަމަށެވެ. އަދި ބަލީގެ ޝިފާގެ ދެބައިކުޅަ އެއްބަޔަކީ އިހުސާންތެރިކަމާއި ރަހުމާއެކު ނަރުހުންގެ ފުށުން ލިބޭ ހޭހަންކުރުމަށްވާއިރު ނަރުހުންގެ ހިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮދުއާ، އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ނަރުހުންގެ އަގުހުރި ގައުމީ ހިދުމަތަށް ބަސްތަކަކުން، ލަފުޒުތަކަކުން، ތައުބީރުކުރުންތަކަކުން ޝުކުރު އަދައެއް ނުކުރެވޭނެ ކަމަށެވެ. އަދި ވަރުބަލިވުމެއް ނެތި ކުރާ ހިންމަތާއި މިންނަތަށް، ކުއްލި ހާލަތްތަކާއި ބޮޑެތި ބަލިތަކާއި ވަބާތައް ބޯމަތިވެގެން އަންނައިރު، ހިދުމަތުގެ ކުރީ ސަފުގައި ދައްކާ ސާބިތުކަމަކަށް އަގު އަދައެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.