ތަފާތު އެކިއެކި ސަބަބުތަކާ ހެދި، ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ 9،000 އަށްވުރެ ގިނަ ކުދިންނަށް ސްކޫލަށް ނުދެވޭ ކަމަށް ބަޔާންކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ތަފާސްހިސާބުތައް ނެރުނީ ގޯސްކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިިއަދު ވިދާޅުވެއްޖެއެވެ.

އެމްބީއެސްއިން އިއްޔެ އާންމުކުރި އެ ތަފާސްހިސާބުގައިވާ ގޮތުން ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިން ދަނީ ކޮންމެ ވެސް ގޮތަކުން ތައުލީމު ހާސިލުކުރަމުން ކަމަށާއި އޭގެ ތެރޭގައި އަންހެން ކުދިން ގިނަ ކަމަށެވެ. ސްކޫލްތަކުގައި ކިޔަވާ ފިރިހެން ކުދިންގެ އަދަދަކީ 50،845 ކަމަށާއި އަންހެން ކުދިންގެ އަދަދަކީ 48،455 ކަމަށް އެމްބީއެސްއިން ބުންޏެވެ. އެއީ ޖުމްލަ 99،300 ކުދިން ކަމަށެވެ. އޭގެ ތެރެއިން އަތޮޅު ތެރޭގައި ކިޔަވަމުންދަނީ 60،439 ކުދިން ކަަމަށާއި މާލޭގައި ކިޔަވަމުންދަނީ 38،861 ކުދިން ކަމަށެވެ.

މުޅި ރާއްޖޭގައި ގާތްގަނޑަކަށް 16 ޕަސަންޓް ކުދިންނަކީ ކިޔަވަމުން ނުދާ، މަސައްކަތުގައި ހަރަކާތްތެރި ނުވާ އަދި އެއްވެސް ކަހަލަ ތަމްރީނެއްގައި ހަރަކާތްތެރިވަމުން ނުދާ ކުދިން ކަމަށް އެމްބީއެސްއިން ބުންޏެވެ. އެއީ 9،000 ކުދިންނެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށްވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި ކަމަށްބުނެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބު ގޯސް ކަމަށެވެ.

"2022 ވަނަ އަހަރު 9000 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށް ދޭހަވާގޮތަކަށް ތަފާސް ހިސާބު އެކުލަވާލިއިރު މި އަދަދުގެ ތެރޭގައި އުމުރުން ދެ އަހަރާއި ތިން އަހަރުގެ ކުދިން ހިމަނާފައިވެއެވެ. މިއީ ތައުލީމުގެ ގާނޫނުން ރަސްމީ ތައުލީމު ހާސިލުކުރުމަށް ސްކޫލަށް ދާންޖެހޭ އުމުރުފުރާގެ ކުދިންނެއް ނޫނެވެ. ވީމާ، ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ތުއްތު ކުދިން ހިމަނައިގެން، ނުވަ ވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ ގޯހެކެވެ. އަދި މި ހަގީގަތް ނޭގި މި ތަފާސް ހިސާބުތައް ރިޕޯޓު ކުރުމަކީ ވެސް ޒިންމާދާރު ގޮތެއް ނޫނެވެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކިއެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަބަދުވެސް ފިޔަވަޅު އަޅާ ކަމަށެވެ. އަދި ކުރިން ނޭޝަނަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސް އިން ނެރެފައިވާ ރިޕޯޓެއްގައިވަނީ، 2022 ވަނަ އަހަރު ގަވާއިދުން ސްކޫލަށް ނުދާކަމަށް ފާހަގަ ކުރެވިފައިވަނީ 229 ކުދިންް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ މާލެއިން 85 އަދި އަތޮޅޫތެރޭގެ އެކި ރަށްތަކުން 144 ކުދިންނެވެ.

"އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވެ އެންމެ ގިނަ މަސައްކަތްކުރަމުން މިދާ އެއްކަމަކީ ގްރޭޑް ދިހައެއް ނިންމުމަށްފަހު ދަރިވަރުން މަތީސާނަވީގައި ބައިވަރިކުރެވޭ މިންވަރު މަތިކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމެވެ. އެގޮތުން މިދިޔަ އަހަރު ގްރޭޑް ދިހައެއް ނިންމާ ދަރިވަރުން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމަށް 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފެށުނެވެ. އެ ޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެއެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޒަމާނުއްސުރު މަތީސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި ސަގާފަތް ނައްތާލާނެ ކަމަށެވެ.