ރާއްޖެ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގައި ސިންގަޕޫރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށްބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް އަންގައި ސޯޝަލް މީޑިއާގައި ސިންގަޕޫރުގެ ޓްރެވަލް އެޑްވައިޒަރީއެއް ދައުރުކުރަމުންދާ އިރު، އެއީ މީގެ އަހަރުތަކެއް ކުރިން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީއެކެވެ.
އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށްބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއުކުރަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ވަނީ މިނިސްޓްރީއަށް ކަށަވަރުކޮށްދެއްވާފައެވެެ. އެގޮތުން، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީހެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަން ފާހަގަކުރަމެވެ..،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގުތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް، ހަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ