ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން "އުރީދޫ ޖޫނިއާސް އޮން ޑިއުޓީ" ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ކޯލް ސެންޓާ އެންޑް އެކްސްޕީރިއަންސް ސެންޓަރުގައި ފްރޮންޓްލައިން ސްޓާފުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ކުޑަކުދިންނަށް ދީފިއެވެ.

އިއްޔެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވެފައެވެ.

އުރީދޫން ބުނީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް މަރުހަބާއެއް ކިޔައި، ސުވާލުތައް ހައްލުކުރުމުގައި އެހީތެރިވެދީ، ފޯނު ކޯލްތަކަށް ޖަވާބުދީ، ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖްތަކަށް ވެސް އެ ކުދިން ޖަވާބުދީފައިވާ ކަމަށެވެ.

އެ ހަރަކާތަކީ އުރީދޫގެ ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުމުގެ އިތުރުން، އަންނަން އޮތް ޖީލު ބާރުވެރިކުރުވައި، ހިދުމަތާ ގުޅުމުގެ ރޫހު ފާހަގަކުރުމަށް އުރީދޫން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުޑަކުދިންގެ ދުވަހުގެ އެ ހާއްސަ ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނާއި އާއިލާތަކަށް އުރީދޫން ވަނީ ޝުކުރު ދަންނަވައިފައެވެ. އުރީދޫން މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، ހިތްވަރުދީ، އާ ކަންކަން ދަސްކުރެވޭ ފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.