ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން ދެ ޕަސަންޓް ކުދިންނަކީ ބެލެނިވެރިޔަކު ނެތި ދިރިއުޅެމުންދާ ކުދިން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

އެމްބީއެސްއިން އާންމުކުރި އެ ތަފާސްހިސާބުގައިވާ ގޮތުން 2025 ވަނަ އަހަރުގެ ކުޑަކުދިންގެ އާބާދީއަކީ 134،863 (48 ޕަސަންޓް) އެވެ. އެއީ 62،758 އަންހެން ކުދިންނާއި 658،396 (52 ޕަސަންޓް) ފިރިހެން ކުދިން ކަމަށެވެ.

އޭގެ ތެރެއިން 77،385 ކުދިން ދިރިއުޅެނީ އަތޮޅު ތެރޭގައި ކަމަށާއި މާލޭގައި ދިރިއުޅެނީ 53،769 ކުދިން ކަމަށް އެމްބީއެސްއިން ބުންޏެވެ.

އަށާރަ އަހަރުން ދަށުގެ ކުދިންގެ ދިރިއުޅުމުގެ ކަންތައް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، 2022 ވަނަ އަހަރު 74 ޕަސަންޓް ކުދިން ދިރިއުޅެނީ މަންމަ އާއި ބައްޕައާ އެކު ކަމަށާއި 22 ޕަސަންޓް ކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާ އެކު އަދި ދެ ޕަސަންޓް ކުދިން ދިރިއުޅެނީ އެއްވެސް ބެލެނިވެރިއަކާ ނުލައި ކަމަށް އެމްބީއެސްގެ ތަފާސްހިސާބުގައި ބުންޏެވެ.

ދެހާސް ބާވީސްވަނަ އަހަރުގެ ބޯހިމެނުގައިވާ ގޮތުން އަތޮޅު ތެރޭގައި 0.9 ޕަސަންޓް އަދި 3.3 ޕަސަންޓާ ދޭތެރޭގެ ދެ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ދިރިއުޅެނީ ބެލެނިވެރިއަކާ ނުލައި ކަމަށް އެމްބީއެސްއިން ފާހަގަކޮށްފައިވެއެވެ.

އެމްބީއެސްއިން ބުނީ 2022 ވަނަ އަހަރުގެ ބޯހިމެނުގައިވާ ގޮތުން ޕްރައިމަރީ ތައުލީމުގައި ފިރިހެން ކުދިން ގިނަ ކަމަށެވެ. ސާނަވީ ތައުލީމުގައި ފިރިހެން ކުދިން ގިނަ ކަމަށާއި އެހެންވެ މިންތީގެ ހަމަހަމަކަން ދަށް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އެމްބީއެސްއިން ބުންޏެވެ. ނަމަވެސް މަތީ ސާނަވީ ތައުލީމުގައި އަންހެން ކުދިން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށް އެމްބީއެސްއިން ބުންޏެވެ.

ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ ދަނީ ކޮންމެ ވެސް ގޮތަކުން ތައުލީމު ހާސިލުކުރަމުން ކަމަށާއި އޭގެ ތެރޭގައި އަންހެން ކުދިން ގިނަ ކަމަށެވެ. ސްކޫލްތަކުގައި ކިޔަވާ ފިރިހެން ކުދިންގެ އަދަދަކީ 50،845 ކަމަށާއި އަންހެން ކުދިންގެ އަދަދަކީ 48،455 ކަމަށް އެމްބީއެސްއިން ބުންޏެވެ. އެއީ ޖުމްލަ 99،300 ކުދިން ކަމަށެވެ. އޭގެ ތެރެއިން އަތޮޅު ތެރޭގައި ކިޔަވަމުންދަނީ 60،439 ކުދިން ކަަމަށާއި މާލޭގައި ކިޔަވަމުންދަނީ 38،861 ކުދިން ކަމަށެވެ.

މުޅި ރާއްޖޭގައި ގާތްގަޑަކަށް 16 ޕަސަންޓް ކުދިންނަކީ ކިޔަވަމުންނުދާ، މަސައްކަތުގައި ހަރަކާތްތެރިނުވާ އަދި އެއްވެސް ކަހަލަ ތަމްރީނެއްގައި ހަރަކާތްތެރިވަމުންނުދާ ކުދިން ކަމަށް އެމްބީއެސްއިން ބުންޏެވެ.

މަސައްކަތްތެރިކަމުގައި ހަރަކާތްތެރިވާ ކުދިންގެ ނިސްބަތް އުމުރު މަތިވާ ވަރަކަށް މައްޗަށްދާކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން އެ ނިސްބަތް އުމުރުން 17 އަހަރުގެ އުމުރުފުރާގައި ހުރީ 27 ޕަސަންޓުގައިކަމަށް އެމްބީއެސްއިން ބުންޏެވެ. މަސައްކަތުގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ޕަސަންޓަކީ 42 ކަމަށާއި ފިރިހެން ކުދިންގެ ޕަސަންޓަކީ 58 ކަމަށް އެމްބީއެސްއިން ބުންޏެވެ. ފިރިހެން ކުދިންނަޑްވުރެ އަންހެން ކުދިންގެ އަދަދު މަސައްކަތްތެރިކަމުގައި ދަށްކަން އެމްބީއެސްއިން ފާހަގަކޮށްފައިވެއެވެ.

ހޯލްސޭލް އަދި ރީޓެއިލް، މޮޓޯ ވެހިކަލް މަރާމާތު ކުރުމުގައި 35 ޕަސަންޓް ކުދިން ހަރަކާތްތެރިވަމުންދާއިރު އެކޮމޮޑޭޝަން އަދި ކެއިންބުއިމުގެ ހިދުމަތުގައި މަސައްކަތްކުރަނީ 18 ޕަސަންޓް ކުދިންކަމަށް އެމްބީއެސްއިން ބުންޏެވެ. ދައުލަތުގެ އިދާރީ އަދި ސަލާމަތީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދަނީ 13 ޕަސަންޓް ކުދިންކަމަށް އެމްބީއެސްއިން ބުންޏެވެ.

އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ގާތްގަޑަކަށް ކޮންމެ ހަ ކުއްޖަކުން އެެއް ކުއްޖަކީ މަސައްކަތެއްކުރާ ކުއްޖެއްކަމަށް އެމްބީއެސްއިން ބުންޏެވެ. އެއީ ޖުމްލަ 17،651 ކުދިންކަމަށް އެމްބީއެސްއިން ބުންޏެވެ.

ކުޑަކުދިންގެ ތެރެއިން ފަސް އަހަރާއި 17 އަހަރާއި ދެމެދު ނުކުޅެދުންތެރިކަން ހުރި މިންވަރަކީ ހަތަރު ޕަސަންޓުކަމަށް އެމްބީއެސްއިން ބުންޏެވެ. އެއީ 3،401 ކުދިންކަން އެމްބީއެސްއިން ފާހަގަކުރިއެވެ.