ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް، އަޅުގަނޑުމެން މިއަދު އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި އެކުދިންގެ އައިލާތަކަށް، ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައްދު ކުރައްވައި ނެރުއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ، ކުޑަކުދިންގެ ދުވަހަކީ ގައުމުގެ އަދުގެ އުފާވެރިކަމާއި މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ހާއްސަ މުނާސަބާއެއް ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށާއި އެކުދިން ތައްޔާރުވަމުން އެދަނީ، މުސްތަގްބަލުގައި މި ގައުމުގެ ކަންކަމާ ހަވާލުވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބު ކަމަށްވެސް ވިދާޅުވިއެވެ.

"ކީރިތި މާތް ރަސޫލާގެ މަތިވެރި އިރުޝާދުތަކުން އެނގެން އޮތް އެއް ހަގީގަތަކީ، ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަން މަތީގައި ކަމެވެ. އެ ކުއްޖާގެ އުޅުމާއި އަގީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމެވެ،" ރައީސް ވިދާޅުވިއެވެ.

ކުޑަކުދިންގެ މިޖާޒުގައި ހުންނާނީ ނިޔަނެތިކަމާއި ސާފުސީދާކަން ކަމަށާއި ބޮޑެތި މީހުންނާމެދު އެކުދިން ދެކޭނީ، ބެލެނިވެރިއެއް، މުރުޝިދެއް، މަދަދުގާރެއްގެ ނަޒަރުން ކަމަށްވެސް ވިދާޅުވިއެވެ. އެ ކުދިންގެ މައުސޫމުކަން އަބަދުވެސް ޖާގަދޭނީ، ދޮށީ މީހުންގެ ބަސް އެހުމަށާއި އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު އަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށެވެ. ގޭތެރެ އާއި މަގުމައްޗާއި މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށެވެ. ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތައުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދޭށެވެ. ދިވެހި ގައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ގައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރާށެވެ،" ރައީސް ވިދާޅުވިއެވެ.

ފަރުލު ފަސްނަމާދު ކުރުމާއި ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށް، ދިވެހި ކުޑަކުދިންނަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

"ލޮބުވެތި ކުޑަކުދިންނަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ، މިއީ އެ ކުދިންގެ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބެހެއްޓުމެވެ. ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމެވެ. އެއް ދުވަހަށްވުރެ ކާމިޔާބު އަނެއް ދުވަސް ހޯދަން އަޒުމު ކަނޑައެޅުމެވެ. ފަރުލު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމެވެ. ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިން މި ގައުމު ދެކެވެސް ވުމެވެ. ވަގުތު ބޭކާރު ނުކުރުމެވެ. ސިއްހީ އާދަތަކުގައި ހިފުމެވެ. ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށެވެ.