ސާފް 19 އަހަރުން ދަށު މުބާރާތުގެ ފުރަތަމަ މެޗަށް ރާއްޖެއަށް އޮތީ އުނދަގޫ ހާލަތެއް ނަމަވެސް، ނަތީޖާ ރަނގަޅު ކުރެވޭތޯ ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.
މިއަހަރުގެ 19 އަހަރުން ދަށު ސާފް ޗެމްޕިއަންޝިޕް މިއަދު އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގައި ފަށާނީ ޔޫޕިއާގައެވެ. މެޗުތައް ކުޅޭނީ ޔޫޕިއާގެ ގޯލްޑަން ޖުބްލީ އައުޓްޑޯ ސްޓޭޑިއަމްގައެވެ.
މިމަހުގެ ނުވަޔަކުން 18 އަށް މުބާރާތް އޮންނަ އިރު، ޖުމުލަ ހަ ޓީމު ވާދަކުރާނެއެވެ. ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާއި ބޫޓާނާއެކުގައެވެ. ދެން އޮތް ގްރޫޕްގައި ހިމެނެނީ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާއާއި ދެ ފަހަރު ތަށި ހޯދާފައިވާ ނޭޕާލް އަދި ސްރީ ލަންކާއެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާ ދެކޮޅަށް މިއަދު ނުކުންނަ އިރު، ރާއްޖެއަށް މުބާރާތް ބާއްވާ ޔޫޕިއާއަށް ދިޔުމަށް ވަނީ އުނދަގޫތަކެއް ދިމާވެފައެވެ.
ފުރަތަމަ ދާން އޮތީ ފަށާ ދުވަހުގެ ތިން ދުވަސް ކުރިން ހުރިހާ ކުޅުންތެރިން އެއްކޮށް ނަމަވެސް، ފްލައިޓްތަކަށް އައި ބަދަލާއެކު ރާއްޖެ ޓީމުން ޔޫޕިއާއަށް ދިޔައީ ތިން ގްރޫޕަކަށް ބަހައިގެންނެވެ. އެހެން ދާން ޖެހުމުން ޓީމު ހަވަމީ މެޗުގެ 24 ގަޑިއިރެއްހާއިރު ކުރިއަށެވެ.
ޕްރެސްއަށް ކޯޗު ޝާކިއްޓެ ދިޔައީވެސް ފްލައިޓުން ފޭބިތާ މާ ގިނައިރެއް ނުވެއެވެ.
"ރަނގަޅު ތަމްރީނު ސެޝަނެއް ކުރިއަށް ގެންދާނެހާ ވަގުތެއްވެސް ނުލިބުނު. އަހަރެމެން 20 ގަޑިއިރެއްހާއިރު ދަތުރުކުރަމުން މިއައީ މިހިސާބަށް. ޓީމު ހަމަވިތާ 24 ގަޑިއިރުވެސް ނުވަނީސް މެޗު ކުޅެން މިޖެހުނީ. އެހެންވިޔަސް، ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާނީ. އިންޝާ ﷲ އެކަމަށް ޓީމު މަސައްކަތް ކުރާނެ،" ޝާކިއްޓެ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މެޗު ފަސްކޮށް، ދެވަނަ މެޗަށް ހަދައިދޭން ނޫނީ މާދަމާއަށް މެޗު ފަސްކޮށްދޭން ރާއްޖެއިން އެދުނެވެ. އެހެން ނަމަވެސް އެކަމަށް ސާފުން އެއްބަސްވެފައެއް ނުވެއެވެ.
އިއްޔެގެ ޕްރެސްގައި ޝާކިއްޓެ ބުނީ ޓީމުގެ ތައްޔާރީތައް ގޯސް ނޫން ނަމަވެސް، މުބާރާތް އޮންނަނީ އޯ ލެވެލް ދުވަސްވަރުގައި ކަމަށްވުމާއެކު، ބައެއް މުހިއްމު ކުޅުންތެރިން ސްކޮޑުގައި ނުހިމެނުނު ކަމަށެވެ.
ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރާ މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން 15:30 ގައެވެ.
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް