ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލު ނުދެއްކި، ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަށް އިތުރު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް އެމްޑަބްލިޔުއެސްސީން ނިންމައިފިއެވެ.

އެމްޑަބްލިޔުއެސްސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލުތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ އެ ޕްރޮގްރާމާ ގުޅިގެން، އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލުތަކަށް، މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދެވޭނެ ކަމަށެވެ.

"މިގޮތުން، ޖޫރިމަނާ މައާފުކޮށްދެވޭނީ އިސްވެ ދެންނެވި ޖޫރިމަނާ ނިސްބަތްވާ ބިލުތަކަށް ދައްކަވަންޖެހޭ ޖުމުލަ ފައިސާ 01 މޭ 2025 އިން ފެށިގެން 31 ޑިސެމްބަރު 2025 އާ ދެމެދު އެއްކޮށް ދައްކަވާ ހަލާސްކުރައްވާ ކަސްޓަމަރުންނަށެވެ..،" އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އޭގެ އިތުރުން، އެއްބަސްވުމެއްގެ ދަށުން އެ ބިލުތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް، އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ހަލާސްކުރުމުން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެކަމުގައި އެހީތެރިކަމެއް ނުވަތަ އިތުރު މައުލޫމާތެއް ބޭނުންވާ ނަމަ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރުމުން ލިބޭނެ ކަމަށެވެ.

ނުދެއްކި ގިނަ ދުވަސްވެގެން ޖޫރިމަނާ އަރާފައިވާ ބިލުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް އެ ފުރުސަތުގެ ބޭނުން ހިފުމަށާއި ގަވާއިދުން ބިލުތަކަށް ފައިސާ ދައްކަމުން ގެންދިއުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.