ބައެއް ބޭސްތައް ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އެސްޓީއޯ އިން އިންޑިއާގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްއާއެކުއެވެ. އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެ އެއްބަސްވުމާއެކު ޖަނައުޝަދީ ސްކީމުގެ ދަށުން ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ބޭސް ސަޕްލައިކުރުމުގެ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން މެދުނުކެނޑި އަތްފޯރާފަށުގައި ބޭސް ލިބޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ރައީސް އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އާސަންދައިގެ ތެރެއިން އަމިއްލަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ޕްރޮފިޓް ނަގަމުންދިޔަދިއުން ހައްލުކުރުމަށް ބޭހުގެ އަގުތައް ކުޑަކޮށްލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޭހުގެ ބައެއް ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލި ކަމަށެވެ. އަދި އެސްޓީއޯ އިން މިހާރު ވެސް ބޭސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން އެއް ކަމަކަށް އެސެންޝަލް މެޑިސިން ލިސްޓުގެ ދިހަ ބޭހެއް ފިޔަވައި ހުރިހާ ބޭހެއް ގެނެސްފިން މިހާރު އެސްޓީއޯ އިން. މިހާރު ހުރިހާ ރަށެއްގައި ހުންނަންވާނެ، އެސްޓީއޯ އިން ދިން މައުލޫމާތު މިއީ. ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރައެއް ނެތިއްޔާ އަޅުގަނޑު އެދެން އަޅުގަނޑުމެންނަށް އެ މައުލޫމާތު ފޮނުވާލަދިނުން. ހުރިހާ އެސްޓީއޯގެ ބޭސްފިހާރައެއްގައި މިހާރު އީއެމްއެލްގެ ދިހަ މެޑިސިންއެއް ނޫނިއްޔާ ހުންނާނެ. އެ ދިހަ މެޑިސިން ގެނައުމުގެ މަސައްކަތް ވެސް އެބަކުރޭ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ އެޕްރޫވްޑް ޑްރަގު ލިސްޓުގައި ހިމެނޭ 1207 ބޭހުގެ ތެރެއިން، ޖެނެރިކް ބޭހުގެ 784 ބޭހެއް ވެސް މިހާރު ލިބެން ހުންނާނެ ކަމަށާއި 308 ބޭހަކަށް އޯޑަރުދީފައިވާ ކަމަށެވެ. އަދި އަނެއް 115 ބޭހުގެ ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައިވެއެވެ.
އާސަންދައިގެ ތެރެއިން އަމިއްލަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ޕްރޮފިޓް ނަގަމުންދިޔަދިއުން ހައްލުކުރުމަށް ބޭހުގެ އަގުތައް ކުޑަކޮށްލިކޮށްލުމަށް މިހާރު ބަދަލެއް ގެނެސްފައިވާ ކަމަށާއި މިދިޔަ މަހުގެ 20 އިން ފެށިގެން 15 ޕަސަންޓަށް އިތުރުކޮށްދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
"ކަޓްޑައުންކޮށްލި ވަރަށްވުރެ ރަނގަޅު އެއްޗެއް ލިބޭގޮތް ހަދައިދިނިން، އެންމެ ގިނައިން ގެންނަ 77 ބޭހަކަށް. އެކަން މިކުރީ އެމީހުންނަށް ވެސް އިތުރު ހިތްވަރެއް ދޭން، ބޭސް ގެނައުމުގައި ސްޓޮކް މެއިންޓެއިންކުރަން ބާރު އެޅުމަށްޓަކައި. އެހެންވީމާ އަޅުގަނޑު އުންމީދުކުރަން އެބޭފުޅުން ހިފެހެއްޓުމެއްނެތި ބޭސް ގެންނާނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ