އިންޑިއާގެ 25 ޑްރޯން ވައްޓާލައިފައިވާނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

އިންޑިއާއާއި ޕާކިސްތާނު ގުޅޭ ކަޝްމީރު ސަރަހައްދުގެ މަޝްރަހު ގޯސްވެފައިވާ އިރު، ދެ ގައުމުން ވަނީ ހަމަލާ ބަދަލުކުރަން ފަށައިފައެވެ.

އިންޑިއާއިން ފަށާފައިވާ ''އޮޕަރޭޝަން ސިންދޫރު'' ގައި އެ ގައުމުން ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރިން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދިނުމަށް ކަމަށްބުނެ ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް މިސައިލު ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 31 އާންމުން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

ހަމަލާގެ ބަދަލު ހިފުމަށް ޕާކިސްތާނުން ވެސް ވަނީ އިއްޔެ އިންޑިއާއާ ދެކޮޅަށް ހަމަލާދޭން ފަށައިފައެވެ. އެ ހަމަލާތައް ދީފައިވަނީ ކަޝްމީރުގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ކަމަށާއި މިހާތަނަށް އިންޑިއާއަށް ނިސްބަތްވާ 25 ޑްރޯން ވައްޓާލައި އިންޑިއާ ސިފައިންގެ 40 ނުވަތަ 50 މީހުން މަރާލާފައިވާނެ ކަމަށް ޕާކިސްތާނުން ބުނެއެވެ.

އިންޑިއާގެ އޮފިޝަލުން ވަނީ އިއްޔެ އިންޑިއާއިން ވެސް ޕާކިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށް ބުނެފައެވެ. އެގޮތުން ކަޝްމީރު ބޯޑަރު ސަރަހައްދުން ޕާކިސްތާނުގެ 16 މީހުން މަރާލާފައިވާނެ ކަމަށް އިންޑިއާގެ އޮފިޝަލުން ބުނެއެވެ.

އިންޑިއާއިން ހަމަލާ ދިނުމަށް ބޭނުންކުރާ އުޅަނދުތައް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނި ނަމަވެސް، އިންޑިއާއިން އެކަމުގައި އަދި ބަހެއް ބުނެފައެއް ނުވެއެވެ. ޕާކިސްތާނުން ވަނީ މިދިޔަ ބުދަ ދުވަހު އިންޑިއާއިން ހަމަލާދޭން ބޭނުންކުރި ފަސް ޖެޓެއް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ.

ޕާކިސްތާނާއި އިންޑިއާގެ ކޯޅުން އަލުން ވަރުގަދަވެފައި މިވަނީ އިންޑިއާއިން ކޮންޓްރޯލު ކުރާ ކަޝްމީރުގެ ސަރަހައްދުގައި ތިބި ފަތުރުވެރިންތަކަކަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ހަނގުރާމަވެރި ބަޔަކު ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ގިނަ ބަޔަކު މަރުވުމުންނެވެ. އިންޑިއާއިން ވަނީ އެކަމުގެ ފަހަތުގައި ޕާކިސްތާނު ތިބި ކަމަށްބުނެ ބަދަލު ހިފަން ފަށައިފައެވެ. ޕާކިސްތާނުން އަދިވެސް ދަނީ އެ ހަމަލާގައި އެއްވެސް ގޮތަކަށް ބައިވެރިނުވާ ކަމަށްބުނެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.