އިންޑިއާއިން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ބަދަލު ހިފުމުގެ ހަމަލާތަކެއްގެ ގޮތުން ރޭ ދަންވަރު ޕާކިސްތާނުގެ ކަޝްމީރު ސަރަހައްދަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 31 އަށް އަރާފައިވާ އިރު، 57 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ޕާކިސްތާނުގެ މިލިޓަރީ ތަރުޖަމާނު އަހުމަދު ޝާރިޕް ޗައުދަރީ ވިދާޅުވީ އިންޑިއާއިން ހަމަލާދީފައިވަނީ އާންމުންް ދިރިއުޅޭ ސަރަހައްދަކަށް ކަމުން ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށާއި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

ޕާކިސްތާނުން މަރުވި މީހުންގެ ޖަނާޒާތައް ކުރިއަށްގެންދާ އިރު، އެ ޖަނާޒާގައި އެގައުމުގެ ބޮޑުވަޒީރު ޝެހެބް ޝާރިފްގެ އިތުރުން ރައީސް އާސިފް އަލީ ޒަރުދާރީ އިސްވެ ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާއިން ދިން ހަމަލާގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރާއެކު ޕާކިސްތާނުގެ މިލިޓަރީން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ، އާންމުންނަށް އަމާޒުކޮށް އިންޑިއާއިން ދިން ހަމަލާ ކުށްވެރިކޮށް އެ ހަމަލާގެ ބަދަލު ހިތިކޮށް ހިފާނެ ކަމަށް ފާހަގަކޮށްފައެވެ.