ކަޝްމީރުގެ ޕަހަލްގަމަށް ހަގުރާމަވެރިން ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ދިން ހަމަލައަށް ދެ ހަފުތާފަހުން އިންޑިޔާއިން މިއަދު ވަނީ ޕާކިސްތާނުގެ ތެރޭގައިވާ ބައެއް ތަނަށް ވައިގެ ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިއީ ފާއިތުވި ވިހި އަހަރުގެ ތެރޭގައި ޕާކިސްތާނުގެ މިހާ އެތެރޭގައިވާ ތަންތަނަށް އިންޑިޔާއިން ހަމަލަދިން ފުރަތަމަ ފަހަރެވެ. އިންޑިޔާއިން ބުނާގޮތުގައި ހަމަލަދިނީ ޖުމްލަ ނުވަ އަމާޒަކަށެވެ. އެއީ ކަޝްމީރުގެ ޕާކިސްތާނު ކޮންޓްރޯލްކުރާ ފަޅީގައިވާ ބައެއް ތަންތަނާއި ކަޝްމީރުގެ ބޭރުން ޕާކިސްތާނުގެ އެތެރޭގައިވާ އަމާޒުތައްވެސް ހިމަނައިގެންނެވެ. އިންޑިޔާއިން ބުނާގޮތުގައި އެއީ ހައްތާވެސް ހަގުރާމަވެރިންގެ މަރުކަޒުތަކެވެ. ހަގުރާމަވެރިން ތަމްރީނުކުރާ ތަންތަނެވެ. އިންޑިޔާގެ މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ ސިންދޫރެވެ. މި އޮޕަރޭޝަނުގައި ޕާކިސްތާނުގެ އަސްކަރިއްޔާއަށް ނިސްބަތްވާ އެއްވެސް އަމާޒަކަށް ހަމަލަނުދޭ ކަމަށާއި މި އޮޕަރޭޝަން ހިންގީ އަދި ހިންގާނީ ވަރަށް ބޮޑަށް ވިސްނައި ހޯދައި ބެލުމަށްފަހު ކަމަށް ބުނެއެވެ.

ހަމަލަދިނީ ކޮންކޮން ތަނަކަށް؟

ދެގައުމުގެ މެދުގައި ސީދާ ކުރިމަތިލުމެއް ނުހިގާނޭ ބީދަޔަކުން ހިންގި އޮޕަރޭޝަނެކޭ އިންޑިޔާއިން ބުނާއިރު ހަމަލަތައް އަމާޒުކުރި ތަންތަނާއިމެދު ޕާކިސްތާނުން ބުނަނީ މުޅިން ތަފާތު ވާހަކައެކެވެ. ޕާކިސްތާނުން ބުނާގޮތުގައި ކަޝްމީރުގެ ޕާކިސްތާން ކޮންޓްރޯލްކުރާ ފަޅީގެ ވެރިރަށް މުޒައްފަރު އާބާދާއި ކޮޓްލީއަށް އިންޑިޔާއިން ވަނީ ހަމަލަދީފަައެވެ. އަދި ލާހޯރާއި ގާތުގައިވާ ބަހާވަލްޕޫރަށްވެސް ވަނީ ހަމަލަދީފައެވެ. އެއީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގައިވާ ރަށެކެވެ. ޕާކިސްތާނުން ބުނަނީ ހަމަލަދީފައިވަނީ ޖުމްލަ ހަ ތަނަކަށް ކަމުގައެވެ. މި ހަމަލަތައް އަމާޒުވީ އާއްމުން ދިރިއުޅޭ ތަންތަނަށް ކަމަށާއި އެއީ ހަގުރާމަވެރިންގެ މަރުކަޒުތަކެއް ކަމަށް ބުނެ އިންޑިޔާއިން ފަތުރަނީ ދޮގުވާހަކަތަކެއް ކަމަށް ޕާކިސްތާނުގެ ދިފާއީވަޒީރު ޚަވާޖާ އާސިފް ވަނީ ވިދާޅުވެފައެވެ. ސިންދޫރުގެ ނަމުގައި އިންޑިޔާއިން ހިންގި މި އޮޕަރޭޝަނުގައި ޕާކިސްތާނުގެ އާއްމުންގެ ތެރެއިން މަދުވެގެން 26 މީހުން މަރުވެ 47 މީހަކު ޒަޚަމްވެފައިވާކަމަށްވެސް ޕާކިސްތާނުން ބުނެއެވެ.

ލިބުނު ގެއްލުމަކީ ކޮބާ؟

މުޒައްފަރު އާބާދާއި ކޮޓްލީއަށް ދިން ހަމަލާތައް ދެ މިސްކިތަކަށްވެސް އަރާފައިވެއެވެ. އެކަމުގެ ތެރޭގައި އުމުރުން 18 އަހަރުނުވާ ދެކުއްޖަކުވެސް މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެއެވެ. ލިބެމުންދާ މައުލޫމާތަށް ބުރަވާއިރު އޮޕަރޭޝަން ސިނަދޫރުގައި އިންޑިޔާއިން ބޭނުންކޮށްފައިވަނީ ހަގުރާމަމަތީ ޖެޓާއި ޑްރޯނާއި މިސައިލްކަމަށް ބެލެވެއެވެ. ޕާކިސްތާނުން ބުނަނީ މި އޮޕަރޭޝަން ހިންގުމަށް އިންޑިޔާއިން ބޭނުންކުރި ޖެޓުތަކުގެ ތެރެއިން ފަސް ޖެޓަކާއި އެއް ޑްރޯން ވައްޓާލާފައިވާ ކަމުގައެވެ. ވައްޓާލެވުނު ފަސް ޖެޓުގެ ތެރެއިން ތިން ޖެޓަކީ ދާދިފަހުން އިންޑިޔާއިން ގަނެފައިވާ ރަފޭލް ޖެޓުތަކެކެވެ. މިއީ ފްރާންސްގައި އުފައްދާ ބޯޓެކެވެ. އިންޑިޔާގެ ވައިގެ ލަޝްކަރުގައި ހިމެނޭ އެންމެ ޒަމާނީ އެއްޖެޓަކީވެސް މިއީއެވެ. ޕާކިސްތާނުން މިވައްތަރުގެ ތިން ޖެޓް ވައްޓައިލިކަމުގެ ޚަބަރާއެކު ރަފޭލް ޖެޓް އުފައްދާ ކުންފުނީގެ ހިއްސާގެ އަގު ބޮޑުތަނުން އަޑިއަޅާލައިފި ކަމުގެ ޚަބަރުވެސް ވަނީ ފެތުރެން ފަށައިފައެވެ.

ލިބުނު ގެއްލުންތަކާމެދު ބުނަނީ ކީކޭ؟

ޕާކިސްތާނުން ވައްޓައިލި އަނެއް ދެބޯޓަކީ މިގް-29 މަރުކާގެ ޖެޓަކާއި ސުކޯއީ މަރުކާގެ ޖެޓެކެވެ. އެއީ ރަޝިޔާގެ އުފެއްދުންތަކެވެ. އިންޑިޔާގެ ޖެޓުތަކެއް ވައްޓައިލި ކަމަށް ޕާކިސްތާނުން ބުނާ ބުނުން އިންޑިޔާއިން ދޮގުކުރެއެވެ. އިންޑިޔާއިން ބުނަނީ އެގައުމުގެ އެއްވެސް ޖެޓެއް ނުވެއްޓޭ ކަމަށެވެ. އޭގެ ބަދަލުގައި އިންޑިޔާއިން ޕާކިސްތާނުގެ ދެތިން ޖެޓެއް ވައްޓައިލި ކަމުގައެވެ. މި ބުނުމަކީ އަނެއްކާވެސް ޕާކިސްތާނުން ދޮގުކުރާ ބުނުމެކެވެ. ޕާކިސްތާނުން ބުނަނީ އެގައުމުގެ ޖެޓްތަކަށް އިންޑިޔާއިން ހަމަލަދިން ކަމަށާއި އެކަމަކު އެ ހަމަލާތަކުން ފަސޭހަކަމާއެކު ރެކިގަނެ މިޝަން ފުރިހަމަކޮށްފައިވާ ކަމުގައެވެ. ކޮންމެއަކަސް ކަމުގެ ހަގީގަތް ބެލުމަށް ދެން އޮތީ ހަމަލާތައް ބަދަލުކުރެވުނު ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ރިވާތަކަށް ބެލުމެވެ. އެގޮތަށް ބަލާއިރު ކަޝްމީރުގެ އިންޑިޔާއާ ވީފަޅީގެ ސްރީންގަރާއި އެސަހަރާ ގާތުގައިވާ ބައެއް ތަންތަނަށް ޖެޓުތަކެއް ވެއްޓިފައިވާކަން އާއްމުން ކަށަވަރު ކޮށްދެއެވެ.

އިންޑިޔާއިން ހަދަނީ ދޮގުތަ؟

ޖެޓުތައް ވެއްޓިފައިވާ ހިސާބުތައް އިންޑިޔާގެ އަސްކަރިއްޔާއިން މިހާރުވަނީ ބަންދުކޮށްފައެވެ. މިކަންކަމަށް ބެލީމާ ޕާކިސްތާނުގެ ބުނުންތައް ސައްހަ ކަމަށް ފެނެއެވެ. ޕާކިސްތާނުން ބުނަނީ އިންޑިޔާގެ ޖެޓުތައް ޕާކިސްތާނުގެ ސަރަހައްދުގެ ތެރެއަށް ވަނުމުގެ ކުރިން ވައްޓާލާފައިވާ ކަމުގައެވެ. އެހެންވިއްޔާ އެތަކެތި ވެއްޓޭނީ ކަޝްމީރުގެ އިންޑިޔާއިން ކޮންޓްރޯލްކުރާ ފަޅީގެ ތެރެއަށެވެ. ޕާކިސްތާނުގެ ތެރެއަށް އަމާޒުވި ހަމަލަތަކަކީ މިސައިލް ހަމަލަތަކެއް ކަމަށް ބެލެވެއެވެ. މި މިސައިލްތަކަކީ އިންޑިޔާގައި އުފައްދާ ބަރަހަމޯސް މަރުކާގެ މިސައިލެވެ. އަޑަށްވުރެ ބާރަށް ދަތުރުކުރާ އެއްޗެއް ކަމަށް ބުނެވެއެވެ. މީގެ އެއްޗެއް ސާފުކުރަން އުޅުމުގެ ތެރޭގައި މީގެ ދެއަހަރެއްވަރު ކުރިންވެސް އޮޅުމަކުން އުދުއްސައިލެވި ޕާކިސްތާނުގެ ތެރެއަށް އަރާފައިވެއެވެ. ކޮންމެއަކަސް އޮޕަރޭޝަން ސިންދޫރުގެ ރައްދުގައި ޕާކިސްތާނުންވެސް ވަނީ އިންޑިޔާއަށް ރައްދު ހަމަލަ ދީފައެވެ. އެކަމަކު ވައިގެ ހަމަލާތަކެއް ނޫނެވެ. ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ބޮޑުބަޑިންނެވެ.

ސިންދޫރުގެ ނަންދިނީ މޯދީ؟

އިންޑިޔާގެ ތެރެއިންވެސް 8 މީހަކު މަރުވެފައިވާކަން އިންޑިޔާއިން ވަނީ ޔަގީންކޮށްދީފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު ވިދާޅުވެފައިވަނީ އިންޑިޔާއިން ދިން ހަމަލާގެ ރައްދު އެކަށޭނަ ފޮތަށް ޕާކިސްތާނުން ހިފާނޭކަމުގައެވެ. ކަމަކަށް ކަމެއް ކަމުގައެވެ. ޕާކިސްތާނާއި ދެކޮޅަށް އިންޑިޔާއިން ހިންގި ނުވަތަ ހިންގަމުންދާ އަސްކަރީ އައު އޮޕަރޭޝަނަށް އިންޑިޔާއިން ދިން ނަމާމެދުވެސް ވިސްނައިލުމަކީ މުހިންމު ކަމެކެވެ. ސިންދޫރަކީ ހިންދީންގެ ވަރަށް ސަގާފީ، ދީނީ އެއްޗެކެވެ. ހިންދޫވަންތަކަމުގެ ސިއްކައެކެވެ. ހިންދޫ އަންހެނުންގެ ނިތްކުރައި ޖަހައިއުޅޭ ތިކީގެ ނަމަކީވެސް ސިންދޫރެވެ. އަސްކަރީ އޮޮޕަރޭޝަނަށް މި ނަން ދެއްވީ ސީދާ ބޮޑުވަޒީރު ނަރެންދުރަ މޯދީކަމަށް ވެއެވެ. ހިންދޫންގެ ދީނީ ސިއްކައެއްގެ ނަމުން ނަންދީގެން ހިންގުނު އޮޕަރޭޝަނުގައި ޕާކިސްތާނުގެ ދެ މިސްކިތަކަށް ހަމަލަދީ ހަލާކުކޮށްލުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. އެކަމުން ދޭހަކޮށްދެނީ މި ކުރިމަތިލުންތަކުގައި ދީނީ ކުލަޖައްސަން ބަޔަކުކުރާ މަސައްކަތެވެ.

ދީނީ ކުލަޖެހިދާނެތަ؟

ޕާކިސްތާނުންދޭ ރައްދު ހަމަލައެއްގައި އިންޑިޔާގެ ފައްޅިއެއް ބިމާހަމަކޮށްފިއްޔާ ހިންދޫންނަށް ކެތްކުރެވޭނެ ބާވައެވެ. ނުކުރެވޭނެއެވެ. އެގޮތުން މައްސަލައިގެ ސީރިއަސްކަން ނުހަނު ބޮޑެވެ. ފެންނަ ފެނުމުގައި އޮޕަރޭޝަން ސިންދޫރަކީ ހުޅުވިފައިވާ ހަގުރާމައެއް ނޫނެވެ. ވަގުތުކޮޅަކަށް ހިންގި އޮޕަރޭޝަނެކެވެ. މީގެކުރިންވެސް 2019 ވަނަ އަހަރާއި 2016 ވަނަ އަހަރު އިންޑިޔާ ވަނީ ޕާކިސްތާނުގެ ތެރެއަށް މިޒާތަކުން ހަމަލަދީފައެވެ. ހަގުރާމަވެރިން ކަޝްމީރުގައި ހިންގާ ހަރަކާތްތަކުގެ ބަދަލުހިފުމުގެ ނަމުގައެވެ. މިފަހަރު އޮޕަރޭޝަން ސިންދޫރު ކުރިއަށް ގެންދިޔަ ގޮތާއި އަމަލުތައް ބެހެއްޓިގޮތާމެދު ވިސްނާއިރު ހުޅުވިފައިވާ ހަގުރާމައެއް ފަށަން އިންޑިޔާ ބޭނުންވާ ކަމަކަށް ނުފެނެއެވެ. އަދި ޕާކިސްތާނުވެސް ސީދާ ހަގުރާމައެއްގެ ތެރެއަށް ވަންނާނެ ކަމަށް ނުފެނެއެވެ. ކުރީފަހަރުތަކުގައިވެސް ކަން ހިނގި މަގުން މިފަހަރުވެސް މަސްރަހު ފިނިވެދާނެ ކަމަށް ހީވެއެވެ. ނިއުކުލިއަރ ހަގުރާމައެއް ކުރާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވެއެވެ. އެމެރިކާއާއި ޔޫރަޕާއި ޗައިނާއާއި ގަލްފުގެ އަރަބި ގައުމުތަމުން މިހާރުވެސް ހޯހޯއޭ ގޮވައިފިއެވެ. އެހެންވީމާ ކައިރިގޮތަކީ ދެގައުމުންވެސް ދެން މައިތިރިވުމެވެ.