އިންޑިޔާ އާއި ޕާކިސްތާނަކީ އަބަދުވެސް އަރައިރުންތަކެއްގެ ތެރޭގައިވާ ދެގައުމެވެ. އަރައިރުންތައް ސީރިއަސްވެގެންގޮސް ދޭތެރެ ދޭތެރެއިން ހަގުރާމައިގެ ތުންފަތްމައްޗަށްވެސް އުފުލިގެންދެއެވެ. އެހެންނަމަވެސް 1971 ވަނަ އަހަރުގެ ފަހުން ދެގައުމުގެ މެދުގައި ބޮޑު ހަގުރާމައެއް ނުހިގައެވެ. ޕާކިސްތާނު އުފަންވީ 14 އޮގަސްޓް 1947 ގައެވެ. އިންޑިޔާއަށް މިނިވަންކަން ލިބުނީ އޭގެ އެއްދުވަސް ފަހުން 15 އޮގަސްޓް 1947 ގައެވެ. އެހެންވީމާ ދެ ދައުލަތުގެ ގޮތުގައި މި ދެގައުމު ވުޖޫދުވިތާ މިވީ 78 އަހަރެވެ. މި މުއްދަތުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާނު ވަނީ ބޮޑު ތިން ހަގުރާމައެއް ކޮށްފައެވެ. އެންމެ ފުރަތަމަ ހަގުރާމައަކީ މި ދެގައުމަށް މިނިވަންކަން ލިބުނުތާ ދެމަސްފަހުން ފެށުނު ހަގުރާމައެކެވެ. ހަގުރާމައިގެ އަސްލަކީ ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައެވެ. މިހަގުރާމަ އެއްއަހަރާއި ތިންމަހުގެ މުއްދަތަކަށް ދެމިގެން ދިޔައެވެ. ހަގުރާމަ ފެށުނީ ޕާކިސްތާނުގެ ވަޒީރިސްތާނުގެ ޕަޓާނީ ގަބީލާތަކުގެ ހަގުރާމަވެރިން ކަޝްމީރަށް އަރައިގަތުމުންނެވެ.

ފުރަތަމަ ހަގުރާމަ

މި ލަޝްކަރާއި އެންމެފުރަތަމަ ކުރިމަތިލީ ކަޝްމީރުގެ ސަރަހައްދީ ސިފައިންނެވެ. ކަޝްމީރަކީ އޭރު އިންޑިޔާގެ ބައެއް ނޫނެވެ. އަދި ޕާކިސްތާނުގެ ބައެއްވެސް ނޫނެވެ. ކަޝްމީރުގައި ވަކި ވެރިޔަކު ހުންނެވިއެވެ. މަހާރާޖާ ހަރީ ސިންގްްއެވެ. އެއީ ހިންދޫއެކެވެ. އޭނާ އެހީތެރިކަަމަށް އެދިވަޑައިގަތީ އިންޑިޔާގެ ފަރާތުންނެވެ. ޕަޓާނީ ހަގުރާމަވެރިން އެހީތެރިކަމަށް އެދުނީ ޕާކިސްތާނުގެ ފަރާތުންނެވެ. ކޮންމެއަކަސް ދޮޅުއަހަރާއި ގާތްކުރާ މުއްދަތަކަށް ދެމިގެންދިޔަ ހަގުރާމަ ނިމުނުއިރު ކަޝްމީރުގެ ބޮޑުބައެއްގެ ކޮންޓްރޯލް އޮތީ އިންޑިޔާއަށެވެ. އެހެންވީމާ އަސްކަރީގޮތުން ކުރިލިބުނު ކަމަށް ބެލެވެންއޮތީ އިންޑިޔާއަށެވެ. ކަޝްމީރުގައި ދެގައުމުގެ އިންވަކިކުރާ ރޮގު ނުވަތަ ލައިން އޮފް ކޮންޓްރޯލަކީ މިދެންނެވި ހަގުރާމަ 1 ޖެނުއަރީ 1949 ގައި ނިމުނުއިރު ނުވަތަ ހުއްޓާލިއިރު ދެގައުމުގެ ލަޝްކަރުތައް ތިބި ހިސާބެވެ. އިންޑިޔާގެ ސިފައިން ހަގުރާމައިގެ ތެރެއަށް ވަދެގަތްއިރު ޕަޓާނީ ހަގުރާމަވެރިން ތިބީ ކަޝްމީރުގެ ވެރިރަށް ސްރީނަގަރަށް ވަދެގަތުމާ ދާދި ގާތުގައެވެ.

ދެވަނަ ހަގުރާމަ

އިންޑިޔާ ސިފައިން ހަގުރާމައިގައި ބައިވެރިވުމާއެކު މައިދާން ބަދަލުވެގެން ހިގާއްޖެއެވެ. އިންޑިޔާ އާއި ޕާކިސްތާނުގެ ދެވަނަ ހަގުރާމަޔަކީ 5 އޮގަސްޓް 1965 ގައި ފެށުނު ހަގުރާމައެކެވެ. ގާތްގަޑަކަށް ދޮޅުމަސް ދުވަހުގެ މުއްދަތަށް ކުރެވުނު ހަގުރާމައެކެވެ. މިހަގުރާމަ ހިގީ ކަޝްމީރާއި ޕަންޖާބާއި ރާޖަސްތާނާއި ބަންގާޅުގައެވެ. ހަގުރާމަ ނިމުނީ ވަކިބަޔަކަށް ކުރިލިބުމެއް ނެތިއެވެ. އިންޑިޔާގެ އެއްގަމުގެ ލަޝްކަރަށް ހަގުރާމައިގެ މައިދާނުގައި ކާމިޔާބީތަކެއް ހޯދުނެވެ. ހަމައެގޮތަށް ޕާކިސްތާނުގެ ވައިގެ ލަޝްކަރަށްވެސް އިންޑިޔާގެ މައްޗަށް ކުރިހޯދުނެވެ. އެކަމަކު އެއްވެސް ބަޔަކަށް އެބަޔަކު ބޭނުންވި ލަނޑުދަނޑި ހާސިލެއް ނުކުރެވުނެވެ. ހަގުރާމަ ހުއްޓައިލީ މަޖުބޫރުވެގެންނެވެ. ޕާކިސްތާނުން ހަގުރާމަފެށީ ކަޝްމީރުގެ ކޮންޓްރޯލް އަތުލުމަށެވެ. ހަގުރާމަ ހުއްޓައިލިއިރު ޕާކިސްތާނުގެ މުޅި ފޯކަސްއޮތީ ލާހޯރު ދިފާއު ކުރުމަށެވެ. އިންޑިޔާގެ ސިފައިން ތިބީ ލާހޯރުގެ ރަށްބޭރުގައެވެ.

ތިންވަނަ ހަގުރާމަ

ކޮންމެއަކަސް މި ހަގުރާމައިން ދެގައުމަށްވެސް ލިބުނު ފިލާވަޅަކީ އެމެރިކާ އާއި އިނގިރޭސިވިލާތަށް ބަރޯސާކުރެވެން ނެތްކަމެވެ. އިންޑިޔާއިން ރޫސީވިލާތާއި ގާތަށް ޖެހިލީ އެހަގުރާމައަށްފަހުގައެވެ. ހަމައެގޮތަށް ޕާކިސްތާނުން ޗައިނާއާ ގާތަށް ޖެހިލީވެސް އެހަގުރާމައަށް ފަހުގައެވެ. އިންޑިޔާ އާއި ޕާކިސްތާނުގެ ތިންވަނަ ހަގުރާމައަކީ 3 ޑިސެމްބަރު 1971 ގައި ފެށުނު ހަގުރާމައެކެވެ. މުއްދަތަކީ ގާތްގަޑަކަށް ދެ ހަފުތާއެވެ. ކުރީ ދެހަގުރާމައާ ޚިލާފަށް މިއީ ކަޝްމީރުގައި ކުރެވުނު ހަގުރާމައެއް ނޫނެވެ. މި ހަގުރާމަކުރެވުނީ ބަންގާޅުގައެވެ. އެޒަމާނުގައި އެއީ އިރުމަތީ ޕާކިސްތާނެވެ. މި ހަގުރާމަ ފެށުމުގެ ސިއްރަކީ ބަންގްލަދޭޝްގެ މިނިވަންކަމަށްޓަކައި އަމިއްލަ ލަޝްކަރެއް ނުކުމެ ޕާކިސްތާނު ސިފައިންނާ ކުރިމަތިލުމެވެ. މިދެންނެވި ލަޝްކަރަށް މަދަދުކުރީ އިންޑިޔާއިންނެވެ. ނަތީޖާއެއްގެ ގޮތުން އިންޑިޔާގެ ކިބައިން ބަދަލުހިފުމަށްޓަކައި ޕާކިސްތާނުގެ ވައިގެ ލަޝްކަރުން އިންޑިޔާގެ ވައިގެ ސިފައިންގެ މަރުކަޒުތަކަށް ބޮން އަޅައިފިއެވެ. އޮޕަރޭޝަން ޗެންގީޒް ޚާނުގެ ނަމުގައި ހިންގުނު އޮޕަރޭޝަނެއްގައެވެ.

މިދެންނެވި އޮޕަރޭޝަނާ ވިއްދައިގެން ޕާކިސްތާނާ ދެކޮޅަށް އިންޑިޔާއިން ހަގުރާމަ އިއުލާންކޮށް އެއްގަމުން އިންޑިޔާގެ ފައުޖުތައް ބަންގާޅަށް ވަދެގެންފިއެވެ. ލަސްތަކެއްނުވެ ބަންގާޅުގެ ވެރިރަށް ޑާކާވެސް ހިފައިފިއެވެ. ބަންގާޅުގައިތިބި ޕާކިސްތާނުގެ ސިފައިން އަމާންދީފިއެވެ. އެހެންވީމާ ހަގުރާމަ ނިމުނީ ޕާކިސްތާނު ބަލިވެގެންނެވެ. ބޮޑުވެގެންވާ ބަލިވުމަކުންނެވެ. މިހަގުރާމަ މަޝްހޫރުވެފައި އޮންނަނީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަގުރާމައިގެ ނަމުންނެވެ. މި ހަގުރާމަޔާއި ކަޝްމީރަކާ ގުޅުމެއް ނެތެވެ. އެކަމަކު އިންޑިޔާއަށް ލިބުނު ކާމިޔާބީގެ ބާރުގައި 1972 ވަނަ އަހަރު މުއާހަދާއެއް ހަދައި ޕާކިސްތާނު ލައްވައި އެ މުއާހަދާގައި އިންޑިޔާއިން ސޮއިކުރުވިއެވެ. ޝިމްލާ އެއްބަސްވުމުގެ ނަމުން މަޝްހޫރުވެފައިވާ އެއްބަސްވުމަކީ އެއީއެވެ. އޭގައި ބުނާގޮތުން ބައިނަލްއަގުވާމީ ފޯރަމްތަކުގައި ކަޝްމީރުގެ ވާހަކަ ޕާކިސްތާނުން ނުދައްކާނެއެވެ. އަދި ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލަށް އުނިއިތުރެއް ގެންނަންވެސް މަސައްކަތެއް ނުކުރާނެއެވެ.

ނިއުކުލިއަރ ބާރު ލިބިގަތުން

މިދެންނެވި ހަގުރާމައަށްފަހު މި ދެގައުމުގެ މެދުގައި ބޮޑު ހަގުރާމައެއް ނުހިގައެވެ. އިންޑިޔާއިން ވަނީ 1998 ގެ މެއިމަހު ނިއުކުލިއަރ ބޮން އުފައްދައި ޓެސްޓްކޮށްފައެވެ. ބަލަންތިބެފައި ޕާކިސްތާން ވަނީ އޭގެ ދެހަފުތާ ފަހުން ނިއުކުލިއަރ ބޮން އުފައްދައި ޓެސްޓްކޮށްފައެވެ. މި ދެގައުމަކީވެސް ނިއުކުލިއަރ ހަތިޔާރު ލިބިގެންވާ ދެގައުމު ކަމަށްވާތީ ކުރިން ހަގުރާމަކުރި ގޮތަށް ދެން ހުޅުވިފައިވާ ބޮޑު ހަގުރާމައެއް ނުކުރާނެ ކަމަށް ގިނަބަޔަކު ވަނީ ގަބޫލުކުރަން ފަށައިފައެވެ. ނިއުކުލިއަރ ހަގުރާމައަކަށް ވެދާނެތީއެވެ. އޭގެ މާނަޔަކީ ނުސީދާ ހަގުރާމަތަކެއް ނުހިގުމެއް ނޫނެވެ. ދޭތެރެ ދޭތެރެއިން އެކަހަލަ ނުސީދާ ހަގުރާމަތައް ހިގައެވެ. އެންމެފަހުން 2019 ގައެވެ. އެފަހަރު އެއްބަޔަކު އަނެއްބައެއްގެ ސަރަހައްދުގެ ތެރެއަށްވަދެ ކޮމާންޑޯ އޮޕަރޭޝަންތަކެއް ހިންގިއެވެ. އޭގެފަހުން ފާއިތުވި ހަ އަހަރުގެ ތެރޭގައި ދެ ގައުމުގެ އަސްކަރީ ކެރިކުޅަދާނަކަން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. ޚާއްސަކޮށް ވައިގެ ލަޝްކަރާއި މިސައިލްތަކުގެއެވެ. އެހެންވީމާ ނުސީދާކޮށްވިޔަސް ސީދާކޮށްވިޔަސް އައު ކުރިމަތިލުމެއް ފަށައިފިއްޔާ ކުރިއަށްވުރެ މާބޮޑަށްވެސް މިހާރު ނުރައްކާ ވާނެއެވެ