މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވރުނަރުކަމުގެ މަގާމަށް، ގ. ސިލްވަރުގެ އާގެ އާއިޝަތު އަސްނާ ހަމްދީގެ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އޭނާ ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރެއްވުމަށް ނިންމަވައި، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އެކަމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އެ ދުވަހުގެ ޖަލްސާއަށް އިއްވުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސަކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އަސްނާއަށް މަޖިލީހުން ރުހުންދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އަސްނާ ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ސީނިއާ މެނޭޖަރެއްގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗު 17 ގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މަސައްކަތަށް ހުރަސް އަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށްބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށެވެ.