އިންޑިއާއިން ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް މިސައިލު ހަމަލާތަކެއް ދީފިއެވެ.
އިންޑިއާއިން ބުނާގޮތުގައި ދަންވަރުގެ ވަގުތެއްގައި ދިން މިސައިލު ހަމަލާތަކުގައި ނުވަ ސަރަހައްދަކަށް ވަނީ ހަމަލާތައް އަމާޒުކޮށްފައެވެ. ނަމަވެސް އޭގެ ތެރޭގައި ޕާކިސްތާނުގެ މިލިޓަރީ ފެސިލިޓީއެއް ނުހިމެނޭ ކަމަށް އިންޑިއާއިން ބުނެއެވެ.
ޕާކިސްތާން މިލިޓަރީގެ ޕަބްލިކް ރިލޭޝަންސް ވިންގުގެ ޑިރެކްޓާ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ވިދާޅުވީ ޕާކިސްތާނުގެ ކަޝްމީރަށް ނިސްބަތްވާ ދެ ސިޓީއެއް ކަމަށްވާ މުޒާފަރާބާދު އަދި ކޮޓްލީގެ އިތުރުން ޕާކިސްތާނުގެ ޕަންޖާބަށް ނިސްބަތްވާ ބަހަވަލްޕޫރްއަށް ވެސް އިންޑިއާގެ މިސައިލު ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ.
"ހަމަލާގައި ހަތް މީހަކު ވަނީ މަރުވެފައި. އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭ. މިސްކިތަކަށް ވެސް ވަނީ ހަމަލާ އަމާޒުވެފައި. މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަލެއް،" އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާގެ ހަމަލާތައް ޕާކިސްތާނުގެ ފަސް ސަރަހައްދަކަށް އަމާޒުވެފައިވާ ކަމަށާއި އެ ހަމަލާގެ ރައްދުދިނުމުގެ ހައްގު ޕާކިސްތާނަށް އޮންނާނެ ކަމަށެވެ.
"މުޅި ގައުމު އޮތީ ސަލާމަތީ ބާރުތަކާއެކު. ރައްޔިތުންނާއި ސަލާމަތީ ބާރުތަކުގެ ސިފައިންނާއި އޮފިސަރުން ތިބީ މިކަމާ ކުރިމަތިލާން ތައްޔާރަށް. ދުޝްމަނުންގެ މަގުސަދުތައް ހާސިލުކުރުމަށް ފުރުސަތެއް ނުދޭނަން،" ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވިއެވެ.
އިންޑިއާއިން ހަމަލާތައް ދީފައި މިވަނީ، ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގައި މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގައި 26 މީހަކު މަރުވި އިރު، އިންޑިއާއިން ތުހުމަތުކުރަނީ އެއީ ޕާކިސްތާނުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ