އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ އިދާރާތަކަކީ މިނިވަން އަދި ސިޔާސީ ތައައްސަބުން މިނިވަންވެފައިވާ ތަންތަނަށް ވާންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެއެވެ.

ނަޒާހަތްތެރިކަމާ ގުޅޭގޮތުން ރާއްޖޭގެ އޭސީސީ އަދި ސައުދީގެ އޯވަސައިޓު އެންޑް އޭސީސީ ގުޅިގެން މާދަމާގެ ނިޔަލަށް ހިންގާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ އެސީސީ މިނިވަންވެ، އަމިއްލަ އިސްނެގުމާއި، ސިޔާސީ ތައައްސަބުން މިނިވަންވެފައިވާ އިދާރާތަކަށް ވާންޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ އެމްމެންގެ އާއްމު ޒިންމާއެއް ކަމަށެވެ.

ނައިބު ރައީސް ވަނީ ވިސްލްބްލޯވާޒް ބާރުވެރިކޮށްދީ، އެފަދަ ފަރާތްތަކަށް ގާނޫނީ ހިމާޔަތްދީ، ނަޒާހަތްތެރިކަމަކީ އިސްތިސްނާއެއް ނޫން މިންގަނޑަކަށް ހަދައިދޭ ނިޒާމުތައް ބިނާކުރަން ގޮވާލައްވައިފައެވެ.

މި އަހަރުގެ ފޯރަމްގެ މައުލޫއަކީ "ސްޓްރެންތެނިން އިންޓެގްރިޓީ އެންޑް ކޮމްބެޓިން ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓާ" އެވެ.

އެ މައުލޫގައި ނައިބު ރައީސް ވިދާޅުވީ، އިންވެސްޓާ ކޮންފިޑެންސާއި ރައްޔިތުންގެ އިތުބާރު ހޯދުމުގައި ނަޒާހަތްތެރިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާ ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމަކީ އެ ސެކްޓާގެ ދެމެހެއްޓެނިވިކަމާއި ބައިނަލްއަގުވާމީ މައިދާނުގައި ގައުމުގެ ރިވެތި ނަން ދެމެހެއްޓުމާއި ދިގު މުއްދަތުގެ ކުރިއެރުން ކަށަވަރުކުރުމަށް އެންމެ މުހިންމުކަން ކަމަށާއި އެއީ ރާއްޖޭގެ ޕްރެމިއާ ޑެސްޓިނޭޝަން ލަގަބު ދެމެހެއްޓުމަށް އޮތް މަގުކަމަށް ރައީސް ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ އަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާތަކަށް އަމާޒުކޮށްގެން ހިންގާ ފޯރަމެކެވެ. މި ފޯރަމްގައި 180 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.