ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ވިލުންތެރިކަން އިތުރުކުރުމަށާއި، ގާނޫނީ ޔަގީންކަން ކަށަވަރުކުރުމުގެ އިތުރުން މާލީ އެހީތެރިކަން ފުޅާކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި އިއްޔެ ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިން އޮން އެޑްރެސިން ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. މި ބަޔާނުގައި ނައިބު ރައީސް ވިދާޅުވި ގޮތުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމުގައެވެ.

މީގެ ކުރިން، 1989 ވަނަ އަހަރު ބޭއްވި "މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިން އެންޑް ސީ ލެވެލް ރައިޒް" ގައި ދިވެހިރާއްޖެއިން މި ކާރިސާގެ ވާހަކަ އދ. ގެ އާންމު މަޖިލީހުގެ ސަމާލުކަމަށް ގެނައިކަން ނައިބު ރައީސް ހަނދުމަފުޅުކޮށް އެރުވިއެވެ. އޭރު ދެއްކި އިންޒާރުގެ ވާހަކަ މިހާރު އިހުނަށްވުރެ ނުރައްކާ ބޮޑު، ކުއްލި މައްސަލައަކަށް ވެފައިވާކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ބިނާރަށާއި، ރައްޔިތުންގެ ދިރިއުޅުމަށާއި، މައިގަނޑު އިގުތިސާދީ ދާއިރާތަކަށް ފުޅާ ދާއިރާއެއްގައި ހުރަސްއެޅެމުންދާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކުން އަރައިގަތުމަށް މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އެގޮތުން ފުރަތަމަ އިސްކަންދޭން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމެވެ. ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ އެހީތެރިކަމަކީ ދުރާލައި ލަފާކުރެވޭ، ފަސޭހައިން ލިބޭ، ހިލޭ އެހީގެ ގޮތުގައި އަދި ލުއި ޝަރުތުތަކާއެކު ދެވޭ މާލީ އެހީތެރިކަމަކަށް ވާންޖެހޭނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ނުރައްކާތައް ކުޑަކުރުމަށްޓަކައި އެހީގެ ފައިސާ އެކަށީގެންވާ އަވަސްމިނެއްގައި ލިބެން ޖެހޭ ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައަށް މިން ނުކުރެވޭ ކަމަކަށް ހައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓާކޮށް ބަލާނެ ހާއްސަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ގާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން މިކަންކަމަށް ޔަގީންކަން ލިބިދޭން ޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ބޭސްލައިންތަކާއި، ކަނޑުގެ ސަރަހައްދުތަކާއި، ނުވަތަ ދައުލަތްތަކަށް ލިބިދޭ ހައްގުތަކަށް އުނިކަން އަތުވެގެން ނުވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ބިމުގެ ޖިއޮގްރަފީއަށް ބަދަލު އަޔަސް، ދައުލަތެއްގެ ދަރަޖައާއި، ސިޔާދަތާއި، އަދި އދ. ގެ މެންބަރުކަމާ މެދު ސުވާލު ނުއުފެއްދޭނެ ކަމަށާއި، ގާނޫނީ ހައިސިއްޔަތަށް ބަދަލު އައިސްގެން ނުވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ތަރައްގީގެ ޕްލޭންތަކާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ، އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުން ފެށިގެން އިގުތިސޯދީ އިސްތިރާޖީތަކާ ހަމައަށް، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ވިލުންތެރިކަން ސީދާ ހިމެނުމަށް ގޮވާލައްވާ ކަމަށެވެ. ރާއްޖޭގެ ތިންވަނަ ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގެ ތެރެއިން ރާއްޖެއިން މިފަދަ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރަމުން އަންނަ ކަމަށާއި، މިފަދަ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ތަރައްގީގެ ބައިވެރިން އެހީތެރިވެދިނުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ބަޔާން ނިންމަވައިލައްވަމުން ނައިބު ރައީސް ވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މެދުކެނޑުމެއްނެތި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ބޭނުންވާ ކަމެއްކަން ފާހަގަކުރައްވައި، ގައުމުތަކުން ވެފައިވާ ވަދުތައް އަމަލުތަކަށް ބަދަލުކޮށް، ވިލުންތެރިކަން ވަރުގަދަކޮށް، މުސްތަގުބަލު ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އިލްތިމާސްކުރައްވައިފައެވެ.