ނުރައްކާތެރި ޑެންގީއެއް ފެތުރޭތީ އެ ކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ މަހު، މި އަހަރުގެ އެހެން މަސްތަކާ އަޅައިބަލާ އިރު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޖެނުއަރީ މަހު ޑެންގީގެ 75 ކޭސް، ފެބުރުވަރީ މަހު އެ ބަލީގެ 80 ކޭސް ފެނުނު އިރު މާޗު މަހުގައި 73 އަދި އޭޕްރީލް މަހުގައި 124 ޑެންގީ ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަދި އއ. އަތޮޅުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ އިދާރާއިން ބުނީ މާލޭ ސަރަހައްދުން ޑެންގީގެ 134 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ރ. އަތޮޅު 57 ކޭސް އަދި އއ. އަތޮޅުން ޑެންގީގެ 40 ކޭސް ރިޕޯޓުކޮށްފަައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ޑެންގީ ފެތުރުން މަދުކުރުމަށް ޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މުހައްމަދު އިޝާން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)