އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާއިން ބޭރުގައި އުފައްދާ ފިލްމުތަކަށް 100 ޕަސެންޓް ޓެރިފް ނަގަން ނިންމެވުމާ ގުޅިގެން ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފިލްމު ޕްރޮޑިއުސަރު، ވިވެކް އަގްނީހޯތުރީ ބުނެފައިވަނީ މިއީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ނުރައްކަލެއް ކަމަށެވެ. އޭނާ ބުނެފައިވަނީ މި ނިންމުން ތަންފީޒުކޮށްފި ނަމަ، އިންޑިއާގެ ފިލްމު އިންޑަސްޓްރީ މުޅިން ބަނގުރޫޓުވެގެންދާނެ ކަމަށެވެ.
ޕްރޮޑިއުސަރު ވިޕުލް އަމްރުތްލާލް ޝާހް ބުނެފައިވަނީ މި ނިންމުން ތަންފީޒުކުރާނެ ގޮތުގެ ތަފްސީލު އަދި ނޭނގޭ ކަމަށެވެ. އަދި ޕްރޮޑިއުސަރު، އާނަންދް ޕަންޑިޓް ބުނެފައިވަނީ މި ނިންމުމާ ބެހޭ ގޮތުން ވާހަކަދައްކަން އަދި އަވަސް ކަމަށެވެ.
ރައީސް ޓްރަމްޕްގެ މި ނިންމެވުމަކީ އެމެރިކާގެ ފިލްމީ ސިނާއަތް "މަރުވަމުންދާ ކަމަށް" ވިދާޅުވެ، މި ސިނާއަތް ސަލާމަތްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވިދާޅުވެ ނިންމެވި ނިންމެވުމެކެވެ.
ޓްރަމްޕް ވިދާޅުވީ ބޭރު ގައުމުތަކުން އެމެރިކާގެ ފިލްމު ހަދާ ފަރާތްތަކަށް ހުށަހަޅާ ފައިދާ ހުރި އިނާޔަތްތަކުގެ ސަބަބުން ފިލްމު އިންޑަސްޓްރީ ބޭރަށް ބަދަލުވަމުންދާ ކަމަށެވެ. މިއީ ގައުމީ ސަލާމަތަށް މުހިންމު ކަމެއްކަމަށް ވިދާޅުވެ، ޓްރަމްޕް ވިދާޅުވީ މުނިފޫހިފިލުވުމުގެ ޒަރީއާއިން ބޭރު ގައުމުތަކުގެ މެސެޖުތަކާއި ޕްރޮޕެގަންޑާ ފެތުރުމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ބޭނުންފުޅުވަނީ އަނެއްކާވެސް އެމެރިކާގައި ފިލްމު އުފެއްދުން ފުޅާވުން ކަމަށެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ