ވޭޕްއާ ގުޅޭ މައްސަލަތަކުގައި، މިދިޔަ މަހު އެއްލައްކަ ރުފިޔާއަށްވުރެ ގިނަ އަދަދަކަށް ޖޫރިމަނާކޮށްފައިވާ ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު މީޑިޔާތަކަށް ބުނީ ނިމިދިޔަ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ 30 އާ ހަމައަށް ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި 39 މީހަކު، ޖުމުލަ 192،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މިދިޔަ މާޗް މަހު ވެސް ވޭޕްއާ ގުޅޭ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖޫރިމަނާކޮށްފައެވެ. މާޗް މަހު ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި ޖުމުލަ 27 މީހަކު، ޖުމުލަ 123،000 ރުފިޔާއިން ޖޫރިމަނާކުރިއެވެ. .

ދުންފަތާ ދެކޮޅަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2007 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ސިނގިރޭޓު މަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީވެސް މަނާ ކަމެކެވެ. އެފަދަ ތަކެތި އެތެރެކޮށްފި ނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅައި، ޖޫރިމަނާ މެސެޖު ފޯނަށް ފޮނުވާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.