ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދަން މަޖިލީހުގެ ރިޔާސަތުން ހުރަސްއެޅޭ ގޮތަށް އަމަލުކުރަމުންދާ ކަަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މި ގަރާރުގައި މީކާއިލް ވިދާޅުވެފައިވަނީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި އެ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން، ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.
މަޖިލިސް މެންބަރުންގެ މަސައްކަތުގައި ރިއާޔަތް ކުރަންވީ ކަންކަން ކަނޑައަޅައި، މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އަދާކުރާ ވާޖިބުތަކާ ބެހޭގޮތުން، އެމީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމުގެ ހައްގު މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވާން، ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުުމުގެ ބާރު، މަޖިލީހަށް ލިބިފައިވާ ކަމަށް ގާނޫނުއަސާސީގެ 99 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަދި މެންބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް، ވަޒީރަށް ލިޔުމުން ފޮނުވައި 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް މަޖިލިސް ގަވާއިދުގެ 81 ވަނަ މާއްދާގައި ބުނެފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.
"އެ 14 ދުވަހުގެ މުއްދަތު ގުނުމުގައި، ރަސްމީ ބަންދު ދުވަސްތައް ވެސް ހިމެނިގެންވާ ކަމަށް ބަޔާންކޮށްފައިވާ އިރު، މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި، މި ގަވާއިދުގައި އެހެން ގޮތަކަަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ނުވަތަ އެހެން ގޮތަކަށް މަޖިލީހުން ކަނޑަނާޅާ ހިނދަކު، މަޖިލީހުގެ ދައުރުގެ ތެރޭގައި ހިނގާ އާއްމު ޖަލްސާތައް، ހަފުތާއަކު މަދުވެގެން ތިންދުވަހު ބާއްވަންވާނެ ކަމަށް ބަޔާންކޮށް ކަނޑައަޅާފައިވޭ،" މީކާއިލްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
ގާނޫނީ އުސޫލުތައް އެ ގޮތަށް އެކަށައަޅާފައި ހުރި ނަމަވެސް ވަޒީރުންނާ ސުވާލުކުރުމަށް މަޖިލީހުގެ ރައީސް މެދުވެރިކޮށް، މެންބަަރުން ފޮނުވާފައިވާ ސުވާލުތަކުގެ ނޯޓިހުގެ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ވީއިރުވެސް، އެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، ސުވާލަށް ޖަވާބުދާރީ ވެފައިނުވާ ކަމަށް އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
"ވަޒީރާ ކުރެވޭ ސުވާލަށް ޖަވާބު ދެވޭނީ މަޖިލިސް ޖަލްސާއެއްގައި އެޖެންޑާ ކުރުމުން ކަމަށްވީ ހިނދު ބައެއް ވަޒީރުންނާ ސުވާލުކުރުން، މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ނުހިމަނައި، މަޖިލީހުގެ ރައީސް ލަސްކުރައްވަމުން ގެންދަވާ އިރު، އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި، ނުވަތަ މަގުބޫލު އެއްވެސް ސަބަބެއްނެތި އަދި، މަޖިލީހުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވަނީސް، މަޖިލީހުގެ އާންމު ޖަލްސާތައް މަޖިލީހުގެ ރައީސް ނުބާއްވާކަން ފާހަގަވޭ،" މީކާއިލްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
އެކަންކަމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އަދި ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ފަދަ ކަމަކަށްވާތީ މިކަމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށް މި ގަރާރު ހުށަހަަޅުއްވަނީ ކަމަށްވެސް މެންބަރު ވިދާޅުވެފައިވެއެވެ.
މި ގަރާރުގެ ބަހުސް ނިމި ގަރާރު މަޖިލީހަށް ބަަލައިގަނޭތޯ ބަލަން ނެގި ވޯޓުގައި، ގަރާރު ބޭރުކޮށްލީ 61 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުން އެކަންޏެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް