މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ގެ ބިންގާ މިއަދު އަޅައިފިއެވެ.

އެމްއައިއެފްސީ އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފޭސް ތިނެއްގައެވެ.

ހުޅުމާލެ ފޭސް ތިނެއްގައި މިއަދު އެ އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރު (އެމްއައިއެފްސީ)ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ ---- ފޮޓީ: ރައީސް އޮފީސް

ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމުކުރުމުގެ މަޝްރޫއު ރޭ ވަނީ އިފްތިތާހުކޮށްފައެވެ.

އެމްއައިއެފްސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއައިއެފްސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖުމުލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމުކުރަން ނިންމާފައިވަނީ 6،500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށެވެ. އެ ސެންޓަރަށް ދުވާލަކު، 35،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ތަންތަން:

  1. 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް
  2. ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ހަރަކާތްތައް ބާއްވާނެ ތިން އޮފީސް ޓަވަރު
  3. މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
  4. މަތީ ފަންތީގެ ފިހާރަތައް
  5. މިސްކިތެއް
  6. އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
  7. އޯޝަނޮގްރަފިކް މިއުޒިއަމެއް
  8. ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
  9. ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް

މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާ އިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެއެވެ.

އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންއާއި ޑިޖިޓަލް އެސެޓްތަކާއި ތިމާވެއްޓާ ރަށްޓެހި ގޮތްގޮތުން ފައިސާ ހޯދުމުގެ މަގުތައް ވެސް ފަހިކުރާނެ ކަމަށް އެމްއައިއެފްސީގެ ބަޔާނުގައިވެއެވެ.

މި މަޝްރޫއު ފަރުމާކޮށްފައިވަނީ، ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ މުޅި މާސްޓާ ޕްލޭން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.

އެމްއައިއެފްސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.